ރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށް ގެންދަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފި އެވެ.

ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ވެސް ރައީސް ފާޅުކުރެއްވިއެވެ.

ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ވަނީ އަހަރަކު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ވީއައިއޭ ތަރައްގީ ކުރަން ނިންމާފައިވާ ކަންވެސް ހާމަ ކުރައްވައިފަ އެވެ.

ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސް މިއަދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެ ކަމަށެވެ.،

ހާއްސަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރުވެސް އޭގެ ސަބަބުން އިތުރުވެގެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން