ލ. ދަނބިދޫގެ ބެލެނިވެރިން އެ ރަށުގެ ސްކޫލު ބަންދުކޮށް އިހުތިޖާޖު ކުރަމުން އެބަދެ އެވެ.

ދަނބިދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ފަޒީލް "ރަސް"އަށް ވިދާޅުވީ މިއަދު ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުފޮނުވާ ކަމަށާއި އަދި ހެނދުނުއްސުރެ ސްކޫލު ދޮރުމަތީގައި ތިބެގެން އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

ފަޒީލް ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ޓީޗަރުން ހަމަނުވުމާއި އަދި ސްކޫލުގެ ޕްރިންސިޕަލްއާ ދޭތެރޭ ހިތްހަމަ ނުޖެހުން ކަމަށެވެ.

ހަމަ އެހެންމެ ކްލާސްތަކުގެ ސީލިންވެސް ހަލާކުވެފައި ހުންނަތާ އަހަރުތަކެއް ވެފައިވާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

"ސްކޫލުގެ ނަތީޖާވެސް ދުވަހެއް ދުވަހަކަށް ދަށްވަމުން ދަނީ. އެހެންވެ ބެލެނިވެރިން ބޭނުންވަނީ ޕްރިންސިޕަލް އިސްތިއުފާ ދޭން." ފަޒީލް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރުމަށް މިހާރު ވާހަކަތައް ދެކެވެމުންދާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ. އެގޮތުން ދަނބިދޫ ސްކޫލަށް ލ. ގަމުގެ އިހައްދޫ ސްކޫލުން ޓީޗަރަކު ވަގުތީ ގޮތުން ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާހެއްހާ މީހުން ދިރިއުޅޭ ދަނބިދޫގެ ސްކޫޅުގައި 100 އަށްވުރެ ގިނަ ކުދިން ކިޔަވަ އެވެ.

ސްމޫލުތަކުގެ އެކި މައްސަލަތަކާ ހުރެ މީގެ ކުރިން ވެސް ބެލެނިވެރިން ނުކުމެ އެ ތަންތަން ބަންދުކޮށް މުޒާހަރާ ކޮށްފައި އެބަހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން