ސިޓީއެއްގެ ދަރަޖަ ދީފައި އޮތް ތިނަދޫ މީހުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފި އެވެ.

ތިނަދޫ މީހުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ނަމަ އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ނަގަން ތިނަދޫ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ތިނަދޫ ކައުންސިލުން ބުނީ އެގޮތަށް ނިންމާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލުގެ އެ ނިންމުމާއި ގުޅިގެން މިއަދު އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެ ނިންމުން ބާތިލުކޮށްފައިވާ ކަމަށް އެލްޖީއޭ އިން ބުނެއެވެ. އަދި އެކަން ތިނަދޫ ކައުންސިލަށް އަންގާނެ ކަމަށްވެސް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

ރަށްވެހިކަން ބަދަލުކުރާ މީހުންގެ އަތުން 5،000ރ. ގެ އިދާރީ ފީއެއް މިއަދުން ފެށިގެން ނަގަން ނިންމުމާ ގުޅޭ ގޮތުން ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމި މައިގަނޑު ސަބަބަކީ ތިނަދޫގެ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމުން އެ ސިޓީގެ އާބާދީގެ ނިސްބަތަށް ނުރަނގަޅު އަސަރު ކުރާތީ ކަމަށެވެ.

އެހެންވެ މި ނިންމުމަކީ ތިނަދޫގެ އާބާދީ އިތުރު ކުރުމަށް ބާރަކަށް ވާނެ ކަމަށް ތިނަދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން