ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި މީހުން އާބާދު ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފުށި ދިއްގަރު ފަޅުގައި މީހުން އާބާދު ކުރެވިދާނެ ކަމަށް ބުނާ ވާހަކައަކީ ހަމަ ބުއްދިއަށް ވިސްނޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ފުށިދިއްގަރު ފަޅުގައި ގެ އަަޅައިދިނަސް އެތަނުގައި މިވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މީހުން އާބާދު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުށިދިއްގަރު ފަޅު ތަރައްގީ ކޮށް އެތަނުގައި މީހުން އާބާދު ކުރުމަށް 15- 20- ނުވަތަ 30 ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.

"އަޅުގަނޑުގެ ހަމަ ބުއްދިއަކަށް ނުފެނޭ މިތާ 45 މިނެޓް ދުރުން ދެވޭ ތަނެއް ހިއްކައިގެން އެތަނުގައި ފެނާ ނަރުދަމާ އަޅައިގެން ސުކޫލުތަށް އަޅައިގެން ގެދޮރު ހަދައިގެން ދެން ފަސް އަހަރުގެ ތެރޭގައި އެތަނަށް މީހުން ގެންދެވޭ ތަނެއް، އެއީ އަދި ސަރުކާރުން ހުރިހާ ގެދޮރެއް އަޅައިދިންކަމުގައި ވިޔަސް ފަސްއަހަރުގެ ތެރޭގައި އެކަން ކުރެވޭނެ ތަނެއް ނާދޭ، އަޅުގަނޑަށް ގަބޫލުކުރާ ގޮތުގައި 15-20-30 އަހަރުގެ ތެރޭގައި އެތަން ތަރައްގީ ވެދާނެ،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ފުށިދިއްގަރު ފަޅު ތަރައްގީ ކުރަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް ގޯތި ދޭން ނޫން ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ގޯތި ބޭނުންވީ މާލެ ކައިރިން ކަމަށާއި ފުށިދިއްގަރު ފަޅަކީ މާލެ އާއި ކައިރި ތަނެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެެ.

"ގަދަކަނޑުގައި 45 މިނެޓް ދޯންޏަކުން ލޯންޗަކުން 30 މިނެޓުން ކަންނޭގޭ ފުށިދިގައްރު ފަޅަށް ދެވޭނީ، އެދަތުރު ކުރާކަށް ނޫން މާލޭ ރައްޔިތުން ބޭނުންވީ މާލޭ ރައްޔިތުން ގޯތި ބޭނުންވީ މާލޭ ސަރަހައްދުން އެއީ ބްރިޖުން ލޭންޑުން ދެވޭގޮތަށް މާލޭ ރައްޔިތުންނަށޭ ކިޔާފައި އެ ޕްރޮޖެކްޓް ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުންނަށް ރައީސް މުޢިއްޒުގެ ލެގަސީ އެއްގޮތަށް އެކަން ކުރަން ވިސްނަވައިގެން އެކަން ކުރެއްވުމަކީ މައްސަލަ އެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ރަށްރަށުގައި ހުރި ހުރިހާ ޕްރޮޖެކްޓްތަކެއް މިހާރު ހުއްޓިފައި އޮތް ކަމަށް ވިދާޅުވެ ކުރަންވީ ކަމަކީ ފުށިދިއްގަރު ފަޅު ހިއްކުންތޯ ސުވާލު އުފައްދަވާފައެވެެ. އޭނާ ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކަންވީ މާލޭގައި ހުރި ހުރިހާ މައްސަލަތައް ހައްލުކޮށް ގިރާވަރާއި ގުޅީފަޅާއި ހުޅުމާލެ ފޭސް 2 ތަރައްގީ ކުރުމަަށްފަހު ކަމަށެވެެ.

"އެކަންކަން ކޮށްފައި ފުށިދިއްގަރު ފަޅާ އުޅުއްވަންވީ ގިރާވަރު ފަޅު ނިންމައި އެތަނުގައި ފެނާއި ނަރުދަމާ އާއި ސުކޫލުތަކާއި އަޅާފައި ގުޅީފަޅުގައި އެކަންކޮށްފައި ހުޅުމާލެ ފޭސް 2ގައި އެކަން ކޮށްފައި މާލޭގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްފައި ވިލިނގިލީގައި ހުރި މައްސަލަތައް ހައްލުކޮށްފައި ދެން ފުށި ދިއްގަރު ފަޅާ އުޅުއްވަންވީ،" ފައްޔާޒު ވިދާޅުވިއެވެެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ "ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށިތާ ހަފުތާއެއްގެ ތެރޭގައި 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭގޮތަށެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ހިންގާނީ، ބިން ހިއްކާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް 70 ހެކްޓަރުގެ ބިމެއް ދީގެންނެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ސީއެމްސީއަށް 10 ހެކްޓަރުގެ ބިން ހުޅުމާލެއިން ވަނީ ދީފައެވެ. އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭނެއެވެ. އެއީ، 49 އަހަރާއި 50 އަހަރަށް ކަމަށް އާބަންކޯ އިން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން