އިންޑިއާގެ ލަކްޝަދީބްގައި ފަތުރުވެރިކަން ފުޅާކުރަން ވާހަކަ ދެއްކި ނަމަވެސް ލަކްޝަދީބަކީ ރާއްޖެ ނޫން ކަމަށާއި އަދި ރާއްޖެއާ އެއްވަރަށް ފަތުރުވެރިކަން ފުޅާ ކުރަން ނުވެސް ޖެހޭ ކަމަށް އިންޑިއާގެ މަޝްހޫރު ނޫސް "އިންޑިއާ ޓުޑޭ" އިން ބުނެފި އެވެ.

އެ ނޫހުގައި ލިއެފައިވާ ލިއުމެއްގައި ވަނީ ލަކްޝަދީބް ރާއްޖެއަށް ވާން ނުޖެހޭ ސަބަބުތައް ވެސް ބުނެދީފަ އެވެ.

އެގޮތުން ރާއްޖެއަށް ބައިނަލްއަގުވާމީ 40 ގައުމަކުން އުދުހޭ ކަމަށާއި އަދި އެއާޕޯޓުވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް ލަކްޝަދީބްގައި އޮންނަނީ ކުޑަ އެއާޕޯޓެއް ކަަމަށާއި އެއާޕޯޓު ބޮޑުކުރަން އުޅެފިނަމަ ތިމާވެއްޓަށް ވެސް އަސަރުކުރާނެ ކަމަށެވެ. އަދި އެވޮތަށް އަމަލުކޮށްފި ނަމަ ވެލާ އަރާ ސަރަހައްދު ހަލާކުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރާއްޖެއަށް ދަތުރުކުރަން ވެސް ފަސޭހަ ކަމަށާއި ނަމަވެސް އިންޑިއާއިން ލަކްޝަދީބަށް ދަތުރުކުރަން ވެސް އުނދަގޫވެފައި ރާއްޖޭގައި ރިސޯޓްތަކަށް ރައްތައްވެސް މާ ގިނަ ކަމަށެެވެ.

މިހާރު ލަކްޝަދީބަށް ދެވެނީ ވެސް ކުރީބައިގައި ޓުއާތައް ބުކްކޮށްގެން ނެވެ. ނަމަވެސް ރާއްޖެއަށް ބޭނުން އިރަކު ވިސާއަކާ ނުލައި އާދެވެއެވެ.

ހަމަ އެހެންމެ ލަޝްޝަދީބް އޮންނަ ނާޒުކު ތިމާވެށީގެ ގޮތުން އެތަން ހިޔާމަތްކުރަން ޖެހޭނެ ކަމަށާއި އަދި އިންޑިއާގެ އެތައް މިލިއަން ބަޔަކު އެތަނަށް ދިއުމުން ނޭދެވޭ އަސަރުކުރާނެ ކަމަށް މި ލިއުމުގައި ވެއެވެ.

"ލަކްޝަދީބްއަކީ ރާއްޖެއެއް ނޫން، ރާއްޖެއަށް ވާކަށްވެސް ނުޖެހޭ." އިންޑިއާ ޓުޑޭގެ ލިއުމުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ލަކްޝަދީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނަންގަވާފައިވާ ފޮޓޯތަކާއެކު އެމަނިކުފާނު ވަނީ އެ ސަރަހައްދަށް އިންޑިއާ މީހުން ދިއުމަށް ގޮވާލައްވައިފަ އެވެ.

ނަމަވެސް މިއީ ރާއްޖެ ބޮއިކޮޓް ކުރުމަށް ދިން ނުސީދާ މެސެޖެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

އެއާއެކު ދިވެހި ދައުލަތުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި އެ މައްސަލައިގައި

ތިން މިނިސްޓްރީއެއްގެ ނައިބުން ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން