ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް އިތުރު މާލީ އެހީތައް ފޯރުކޮށްދޭން ނިންމައިފިއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޤްތިޞާދީ އަދަނވަޅުން އަރައިގަތުމަށް ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އިންޑިޔާއިން ނިންމާފައިވާކަމަށެވެ. ނަމަވެސް ދޭން ނިންމާފައިވަނީ ކިހާ ވަރެއްގެ އެހީއެއް ކަމެއް އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާއިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދީފައެވެ. ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއާއެކު ވެފައިވާ ސްވޮޕް އެގްރީމެންޓުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި އެގްރީމަންޓަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖުގެ ބައެކެވެ.

ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރާ މަސައްކަތަށާއި ބަޖެޓް ސަޕޯޓަށް މިހާތަނަށް އެކި ޤައުމުތަކުންނާއި، މާލީ އިދާރާތަކުން 195 މިލިއަން ޑޮލަރު ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑްއާ ގުޅިގެން ލޯނާއި ހިލޭ އެހީގެ ގޮތުގައި 195 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާއިރު މިއީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކާއި އދގެ އެޖެންސީތަކުން ލިބުނު އެހީތެރިކަމެވެ.

އެކުވެރި ޤައުމުތަކުން ދިން އެހީތަކަށް ބަލާލާއިރު ޖަޕާނު ސަރުކާރުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ޖަޕާނު ސަރުކާރުން މިހާތަނަށް 7.4 މިލިއަން ޑޮލަރު ނުވަތަ 114 މިލިއަން ރުފިޔާގެ އެހީ ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ. ކެނެޑާއިން 1 މިލިއަން ޑޮލަރު ދީފައިވާއިރު، އެހީ ފޯރުކޮށްދިން އެހެން ޤައުމުތަކުން ފޯރުކޮށްދީފައިވަނީ ފަންނީ އެހީއާއި ތަކެއްޗެވެ. އޭގެ ތެރޭގައި އިންޑިއާ، އެމެރިކާ، ޔޫއޭއީ، ބަންގްލަދޭޝް، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން