ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީގެ މިއުޒިމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީޚީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތަޢާރަފެއް އަރުވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވިކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއި ކުރަށްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީޚާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ތާރީޚުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ." ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން