ލ. ދަނބިދޫ ސްކޫލުގެ ބެލެނިވެރިން މިއަދުވެސް އިހުތިޖާކު ކުރަމުން އެބަދެ އެވެ.

ދަރިވަރުން ސްކޫލަށް ފޮނުވަން ދެކޮޅު ހަދައި ސްކޫލުގެ ގޭޓު ކުރިމަތީގައި ތިބެގެން ބެލެނިވެރިން އިހުތިޖާޖުކުރަން ފެށީ އިއްޔެ ހެނދުނު އެވެ.

ދަނބިދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ފަޒީލް "ރަސް"އަށް ވިދާޅުވީ ރޭވެސް އެ އިހުތިޖާޖު ކުރިއަށް ގެންދިޔަ ކަމަށާއި އަދި މިއަދުވެސް އިހުތިޖާޖުކުރަމުންދާ ކަމަށެވެ.

ނަމަވެސް މިއަދު ފުލުހުންގެ އެހީތެރިކަމާއެކު ސްކޫލު ގޭޓު ކުރިމަތިން ބެލެނިވެރިން ދުރުކޮށް 34 ކުއްޖަކު ކިޔަވަން ސްކޫލަށް ވަން ކަމަށެވެ.

ނަމަވެސް މިއީ ސްކޫލުގައި ކިޔަވާ ދެބައި ކުޅަ އެއްބައި ކުދިންނަށް ވުރެ ދަށް އަދަދެކެވެ. އަދި ބައެއް ކްލާސްތަކަށް އެއް ކުއްޖަކުވެސް ނުދެއެވެ.

ފަޒީލް ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ޓީޗަރުން ހަމަނުވުމާއި އަދި ސްކޫލުގެ ޕްރިންސިޕަލްއާ ދޭތެރޭ ހިތްހަމަ ނުޖެހުން ކަމަށެވެ.

ހަމަ އެހެންމެ ކްލާސްތަކުގެ ސީލިންވެސް ހަލާކުވެފައި ހުންނަތާ އަހަރުތަކެއް ވެފައިވާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން ދަނބިދޫ ސްކޫލަށް ލ. ގަމުގެ އިހައްދޫ ސްކޫލުން ޓީޗަރަކު ވަގުތީ ގޮތުން ފޮނުވަން ނިންމާފައިވާވާ އިރު ސީލިން މަރާމާތު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ނަމަވެސް ބެލެނިވެރިން ބުނަމުންދަނީ އިހުތިޖާޖުތައް ހުއްޓާނީ ޕްރިންސިޕަލް އިސްތިއުފާ ދެއްވުމުން ކަމަށެވެ،

ހާހެއްހާ މީހުން ދިރިއުޅޭ ދަނބިދޫގެ ސްކޫލުގައި 100 އަށްވުރެ ގިނަ ކުދިން ކިޔަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން