ވިލިމާލޭގެ އިމާރާތްތައް 7 ފަންގިފިލާއިން 10 ފަންގިފިލާއަށް އިތުރުކުރުމުގެ ހުއްދަ ދިނުމާއި މަގުހެދުމުގެ މަޝްރޫޢުތަކާއި ދެކޮޅަށް ޖަމިއްޔާތަކަކުން ނުކުމެއްޖެއެވެ.

މިމަހުގެ 4 ވަނަ ދުވަހު ވިލިމާލޭގެ މަގުތަކުގެ ސާވޭ ކުރުމާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް 1.79 މިލިޔަން ރުފިޔާއަށް ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓްރީން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައެވެ. އަދި ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން ވިލިމާލޭގައި ހަރަކާތްޔެރިވާ ވިލިޖޯލި ޖަމިއްޔާއާއި ސޭވް ދަ ބީޗް ޖަމިއްޔާ އިން ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިލިމާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކަމަށް ބުނެފައެވެ. އެގޮތުން، ދާދި ފަހުން މާލެއަށް ކުރި ގަދަ ވިއްސާރައިގައި ހުޅުމާލެ ފިޔަވައި މާލޭގެ އެހެން އަވަށްތަކުގެ މަގުތަކަށް އަސަރުކުރިނަމަވެސް ވިލިމާލެއަށް އަަސަރުކޮށްފައިނުވާ ކަމަށް އެ ދެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

އެޙެންކަމުން އެމަގުތައް ހެދުމުގެ ބަދަލުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް ބުނެފައި ވެއެވެ. ޕޭވްމަންޓް މަރާމާތުކުރުމާއި މަގުތައް އެއްވަރުކުރުމާއި ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރަން ޖެހިފައިވާ ކަމަށްވެސް މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅުކުރުމަށްޓަކައި ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އެ ޖަމިއްޔާތަކުން އެދިފައި ވެއެވެ.



ބަޔާނުުގައި ބުނާގޮތުން ވިލިމާލެ އަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް، އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި އޮންނަ މާލޭގެ އަވަށެކެވެ. މިއީ މާލެ ސަރަހައްދުގައި ގުދުރަތީ މާހައުލު މުއްސަނދިކޮށް އޮތް ހަމައެކަނި ރަށަކަށްވެފައި އެރަށުގެ ހިތްގައިމުކަން ބަލާލަން ކައިރި އަވަށްތަކުން މީހުން ޒިޔާރަތްކުރާ ރަށެއްކަމަށްވެފައި، ޒަމާނީ ފެންވަރަށް މަގު ހަދަން ނިންމައި އެރަށުގެ ގުދުރަތީ ރީތިކަން ނައްތާލަން މަސައްކަތް ނުކުރުމަށް މިބަޔާނުގައި ގޮވާލާފައި ވެއެވެ.

މީގެ އިތުރަށްވެސް، ވިލިމާލެ ފަދަ ކުޑަ ބިންކޮޅުގައި އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަކީ އުޅެން ފަސޭހަ (ލިވަބަލް) ދިިރިއުޅުމެއް ހޯދުމަށް ސީދާ ގޮތުގައި އަސަރުކުރާނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން ވިލިމާލޭގައި އާބާދީ އިތުރުވެ، ތޮއްޖެހުން ބޮޑުވެ، ރަށުގެ ވެށްޓަށް އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން