ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް ޝަރުތު ހަމަވި މީހުންނަށް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް މާދަމާ ފުލެޓް ހަވާލުކުރަން ފަށާނެ ކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި މީހުން ބުނަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ސައްހަ ވާހަކަތަކެއް ނޫން ކަމަށާއި އެފަދަ ޚަބަރެއް އެ މިނިސްޓްރީން އެއްވެސް ބަޔަކާ ހިއްސާކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙުމަދު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި ފަދައިން، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މަސައްކަތް ނުކުރުމަށް އަންގާފައިވާތީކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް އަލުން ފަށާނީ އޭސީސީއިން މި މައްސަލަ ބަލާ، އެ މިނިސްޓްރީއަށް ފޮނުވުމުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެެ.

ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ އިއުލާންކުރި 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓުގެ ތަހުގީގެެއް އޭސީސީން މިހާރު ދަނީ ކުރަމުންނެވެ. އެ ތަހުގީގު ލަސްވާތީ ފުލެޓު ލިބުނު މީހުންގެ ޝަކުވާ ވެސް މިހާރު ވަނީ ބޮޑުވެފައެވެ. ދާދިފަހުން ހައުސިން މިނިސްޓްރީ އަށް އާންމުންގެ ބަޔަކު ވަދެ އެކަމާއި މެދު ނުރުހުން ފާޅުކޮށްފައިވެއެވެ. އޭސީސީ އިން ބުނީ އެތަހުގީގު އެއްކޮށް ނިމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ފުލެޓު ލިސްޓާ ގުޅިގެން 325އަށް ވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން އޭސީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން