ސްޓެލްކޯއާއި އިންވެގެން އޮންނަ ދޮންއަދަރާދަ ހިނގުން މިމަހު ފަހުކޮޅު ހުޅުވާލެވޭވަރުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ މިކަމުގެ މަޢުލޫމާތު ހިއްސާ ކުރެއްވީ އެމަގު ހުޅުވާލުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށް ސައިޓަށް ޒިޔާރަތް ކުރައްވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ނޫސްވެރިންނާއި ވާހަަކަދައްކަވަމުން ފަހުމީ ވިދާޅުވީ އެސަރަހައްދުގައި ސްޓެލްކޯއިން ބަހައްޓާފައިހުރި އިންޖީންތަކުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތައް ދިމާވެފައިވާ ކަމަށެވެ. އެކަން ހައްލުވުމުގެ އިތުރަށް ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ އެމަގު ހުޅުވާލުމުން މާލޭގެ ޓްރެފިކް ފްލޯއަށްވެސް ފަސޭހަތައް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެން ނަމަވެސް، އެ ސަރަހައްދުގައި އިންޖީނު ބަހައްޓަން ހަދާފައިވާ ކްންކްރީޓް ބުޑުތައް ނެގުމަކީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

"މިއީ ކުރީގެ ޕަވަރ ޕްލާންޓެއް. ގާތްގަނޑަކަށް 1.5 މެގަވޮޓްސްގެ ދެ އިންޖީން މަގުމަތިން ނަގާނެ. ޕަވަރޕްލާންޓް ބެޑްގައި ގާތްގަނޑަކަށް ހަ ފޫޓް އަޑިއަށް ކޮންކްރީޓްގައި ޑެޕްތް އެބަހުރި. އެހެންވީމަ 3 ބަޔަކަށް ކޮންޓްރެކްޓް ދިނީމަވެސް ބުރަމިން ހުރިގޮތުން މަސައްކަތް ފުރިހަމަނުވެގެން އެންމެ ފަހުން އެމްޓީސީސީއާއި ހަވާލުކުރީ. އެންމެ ބޮޑު ގޮންޖެހުމަކީ ކޮންކްރީޓް މި ބެޑް ނެގުން. ގާތްގަނޑަކަށް 17 އިންޖީން، މިހާރު އެ ހުރިހާ އިންޖީންތައް އެ ސަރަހައްދުން ނެގި، ހުޅުމާލެއަށް ޓްރާންސްފާ ކޮށް، މިވަގުތު ހުރި ޕަވާ ޕްލާންޓްތައް ޑިސްމޭންޓްލް ކޮށް އެހެން ރަށަކަށް އެ ހުރިހާ ޕަވަރ ޕްލާންޓްތައް ފޮނުވަނީ. ކޮންކްރީޓް ބެޑް ތަޅާލުމުގެ މަސައްކަތް ނިމުމުން ވަރަށް ބޮޑު ބައެެއް އެ ނިމުނީ. މިވަގުތު މަސައްކަތުގެ 40 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި. މި ތަނުން ޕަވާ ހައުސް ނެގުމުން މިހިސާބުގައި ދިރިއުޅޭ އާއްމުންނަށް މިހާރު އަޑުގަދަވެ ވީ އުނދަގޫތަކާއި ދުމުގެ އުނދަގުލެއް ދެން ނުވާނެ." އެމްޑީ ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަގު ހުޅުވާލައި ސްޓެލްކޯގެ އިމާރާތްތަކުގެ މަސައްކަތްތަކާހެދި މަގު ބޭނުން ކުރާ މީހުންނަށް އުދަނގޫނުވާނެ ގޮތަށް ހެދުމުގެ ގޮތުން ސްޓެލްކޯގެ ދެއިމާރާތް ގުޅުވާލަން މަތިން ކަނެކްޓިން ބްރިޖެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ދޮންއަދަރާދަ ހިނގުން ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށީ މިދިޔަ މަހު 18ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން