ސްކޫލުތަކުގެ މަރާމާތަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އެ ވަރުގެ ބަޖެޓެއް ސްކޫލުތަކުގެ މަރާމާތަށް ކަނޑައެޅިކަން ހާމަކުރައްވައިފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ސްކޫލުތަކުގެ ދިރާސީ އަހަރު ފެށޭ ދުވަސް އަހަރުގެ މެދު ތެރެއިން ފެށުމުން ސްކޫލުތައް މަރާމާތު ކުރުމަށް ބަޖެޓު ހޯދުމުގައި އޮތީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ވަނީ ސްކޫލުތައް މަރާމާތު ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ފަށައިފަ އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ މަރާމާތައް ބޭނުންވާ 30 މިލިއަން ރުފިޔާ މިހާރު އޮތީ ހަމަޖެހިފައި ކަމަށާއި އަދި މިހާރު ސްކޫލުތަކުގެ އެސެސްމަންޓްތައް ވެސް ހަދައިފައިވާ ކަމަށެވެ.

އެހެންވެ މިހާރު ތައްޔާރުވަމުން ދަނީ މަރާމާތަށް އެކި ސްކޫލުތަކަށް ބޭނުންވާ ފައިސާގެ އަދަދު ކަނޑައެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސްކޫލުތަކުގެ ހާލަތު ވަރަށް ގޯހެވެ. އެގޮތުން އިސްކަންދަރު ސްކޫލްގެ ވެސް ދެ ބުރި އިމާރާތުގައި ވަނީ ރެނދުލައި ވަރަށްބޮޑަށް ހަލާކުވެފަ އެވެ. އަތޮޅުތަކުގެ ބައެއް ސްކޫލްތައް ވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން ލ. ދަނބިދޫގައި ހުންނަ ސްކޫލުގެ ކްލާސްރޫމްތަކުގެ ސީލިން ހަލާކުވެފައިވާތީ އެ ސްކޫލުގެ ބެލެނިވެރިން ވަނީ ފާއިތުވި ދެ ދުވަހު އިހުތިޖާޖު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން