ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމާއި ޤައުމީ ކަރާމާތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ފުރިހަމައަށް ތާއިދުކުރާކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާ ސަރުކާރުން މިކަން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދެގައުމު އެކުގައި ނެރުނު ގުޅިފައިވާ ބަޔާނުގައެވެ.

މިބަޔާނުގައި ޗައިނާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމާއި ޤައުމީ ކަރާމާތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ފުރިހަމައަށް ތާއިދުކުރާކަން ފާހަގަކޮށް، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެހެން ގައުމުތަކުން ވަދެ ނުފޫޒު ފޯރުވުމާއި ދެކޮޅުކަން ހާމަކޮށްފައެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ދިވެހިސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ރާއްޖެއަށް އެންމެ އެކަށޭނަ ތަރައްގީ ގެނައުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ތާއީދު ކުރާކަމަށް ހާމަކޮށްފައި ވެއެވެ.

ޗައިނާއާއި ރާއްޖެއިން ނެރުނު ގުޅިފައިވާ މިބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ޗައިނާއިން ޕްރޮމޯޓް ކުރާ "ވަން ޗައިނާ" ޕޮލިސީއަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަން ފާހަގަކޮށްފައެވެ، އެގޮތުން ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއްކަމާއި، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޗައިނާގެ ސަރުކާރުކަމަށް ދިވެހިރާއްޖެއިން އެއްބަސްވާކަމަށް މިބަޔާނުގައި ހާމަކޮށްފައިވެއެވެ.

މީގެއިތުރުން ދެގައުމުންވެސް ވަނީ ދެގައުމުގެ ގުޅުންތައް ބަދަހިކޮށް، ދެ ގައުމުގެ ސަރުކާރާއި، ގާނޫނު ހަދާ މަޖިލީހުގެ އިދާރާތަކާއި، ސިޔާސީ ޕާޓީތަކާއި، އިޖުތިމާއީ ޖަމިއްޔާތަކުގެ މެދުގައިވެސް އެކުވެރި މާހައުލެއް ބިނާކުރަން މަސައްކަތްކުރައްވާނެކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން