ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދު ކުރިއަރުވަން އެއްބާރުލުން ދޭން ޗައިނާއާއި ދިވެހިރާއްޖެއިން އެއްބަސްވާކަން ދެގައުމުންވެސް ހާމަކޮށްފިއެވެ.

ޗައިނާއާއި ރާއްޖެއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިޤްތިޞާދު ކުރިއަރުވަން އެއްބާރުލުން ދޭން ވައުދުވެފައިވާއިރު، ދެގައުމުގެ ވިޔަފާރީގެ ގުޅުން ތަރައްގީ ކުރުމަށް ޗައިނާ-މޯލްޑިވްސް ޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ ބޭނުން ފުރިއަހަމައަށް ހިފާނެކަން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ވިޔަފާރި އާއި ޓްރޭޑް ދާއިރާ އިތުރަށް ފުޅާކޮށް ތަރައްގީކުރަން އެއްބާރުލުން ދިނުމަކީ، ބައިލެޓަރަލް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ރަނގަޅު އަމާޒެއްކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޗައިނާއާއި ރާއްޖެއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ތަރައްގީގެ ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް ކުރާ މަސައްކަތުގެތެރެއިން ބެލްޓް އެންޑް ރޯޑް ޑިވެލޮޕްމެންޓްގެ މަސައްކަތް ހަރުދަނާ ކުރަން ފޯކަސް ކުރާނެކަމަށް ދެގައުމުންވެސް ވަނީ އެއްބަސްވެފައެވެ. އަދި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (ޖީޑީއައި) ފުރިހަމައަށް ތަންފީޒުކޮށް، ގްރީން ޑިވެލޮޕްމެންޓް، ޑިޖިޓަލް އިޤްތިޞާދު، ބްލޫ އިޤްތިޞާދު، އަދި އެހެނިހެން ދާއިރާތަކުގައި ޢަމަލީ ގޮތުން އެއްބާރުލުން ދިނުން ހަރުދަނާކޮށް، ދެގައުމުގެ މަންފާއާއި އާންމު ތަރައްޤީ ހޯދުމަށް މަސައްކަތްކުރަން ދެގައުމުންވެސް ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޗައިނާއިން ދެމުންދާ އެހީ ފާހަގަކޮށް ދިވެހި ސަރުކާރުން ވަނީ އެކަން އަގުވަޒަންކުރާކަން ހާމަކޮށްފައެވެ. އަދި ރާއްޖޭގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި، ސިއްހީ ހިދުމަތާއި، އާންމުންގެ ދިރިއުޅުން ރަނގަޅުކުރުމާއި، ހަކަތައާއި، ދަނޑުވެރިކަމާއި، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ޗައިނާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން