ގްރޭޑް އަށެއްގެ ދަރިވަރުންނަށް އެއް ޓާމްގައި ކިޔަވައި ނުދީ އަނެއް އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުރުވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އައިޝަތު އަލީ މިހެން ވިދާޅުވެފައިވަނީ ގްރޭޑް އަށެއްގައި ކިޔަވާ ކުދިން، މި ހިނގަމުންދާ ދެ ވަނަ ޓާމުގައި އޯ ލެވެލް ސިލަބަސް ކިޔަވަން ފަށާނެ ކަމަށާއި އެ ކުދިން އަންނަ އަހަރުގެ ނޮވެމްބަރު މަހު އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރާނެ ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރުމާ ވުޅިގެންނެވެ.

އެގޮތުން ފޭސްބުކްގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި އައިޝަތު އަލީ ވިދާޅުވީ މުޅި މަންހަޖަށް ބެލުމެއްނެތި، މަންހަޖުގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފިނަމަ އަނެއް ބައިތައް ފަހުމު ވުމުގައި ދަރިވަރުންނަށް އަސަރުކުރާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

"ގްރޭޑް 8ގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އެއް ޓާމްގައި ކިޔަވައި ނުދީ އަންނަ އަހަރު އެކުދިން އޯލެވެލް އިމްތިހާނުގައި ބައިވެރިކުރުވަން މަސައްކަތްކުރުމަކީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް. ގްރޭޑް 7 އަދި 8 އެއްގެ ކިޔެވުމަކީ އެކުދިން ހުރިހާ ސްޓްރީމްތަކެއްގެ މާއްދާތަކަށް އަހުލުވެރި ކުރުވާ، ގްރޭޑް 9 އެއްގައި ސްޓްރީމް ހިޔާރުކުރަން އެއީތެރިވެދޭ ކިޔެވުމެއް. އަދި އެކުދިންގެ މުސްތަޤުބަލަށް މުހިންމު ކިޔެވުމެއް. ކަރިކިއުލަމްގެ ހުރިހާ ބައިތަކެއް ވަނީ އެއް ބަޔާ އަނެއްބައި ލާ މެހި ގުޅިފައި. މުޅި މަންހަޖަށް ބެލުމެއްނެތި، މަންހަޖުގެ އެއްބައި ކިޔަވައި ނުދީ ދޫކޮށްލައިފިނަމަ އަނެއް ބައިތައް ފަހުމު ވުމުގައި އަސަރުކުރާނެކަން ޔަޤީން،" އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެއިތުރުން އޯލެވެލްއަށް ތައްޔާރުވާ ދެ އަހަރަކީ ދަރިވަރުންނަށް ވަރަށް މުހިއްމު އަދި ވަރަށް ސްޓްރެސްފުލް ދެ އަހަރު ކަމަށް އައިޝަތު އަލީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދަރިވަރުންނަށް އިތުރު ބުރައެއް ޖެއްސުމުން އެކުދިން މުޅި އުމުރުގައި މިކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރަންޖެހުން ގާތްކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

"އޯލެވެލްއަށް ތައްޔާރުވާ 2 އަހަރު އެއީ ދަރިވަރުންނަށް ވަރަށް މުހިއްމު އަދި ވަރަށް ސްޓްރެސްފުލް 2 އަހަރު. އަވަސް އަރުވާލާފައި ދަރިވަރުންނަށް މިފަދަ ބުރައެއް ޖައްސަންވީ ހާލަތެއް މިވަގުތު ރާއްޖެއަކު ނެތް. ކޮވިޑް 19 އާއި ގުޅިގެން ދަރިވަރުންގެ ނަފްސާނީ އަދި އިޖްތިމާޢީ ތަރައްޤީއަށްވަނީ ވަރަށް ބޮޑެެތި އަސަރުތަކެއްކޮށްފައި. އަނެއްކާ، ހަމަ އެ ދަރިވަރުންނަށް މިފަދަ ބުރައެއް ޖެއްސުމުން އެކުދިން މުޅި އުމުރުގައި މިކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރަންޖެހުން ގާތް."

އައިޝަތު އަލީ ވިދާޅުވީ ދިރާސީ އަހަރު ދިގު ދައްމާލަން ކުރީ ސަރުކާރުން ނިންމި އެންމެ މުހިއްމު ސަބަބަކީ ވެސް ކޮވިޑްގެ ސަބަބުން ދަރިވަރުންނަށް ދިމާވި އުނގެނުމުގެ ދަތި ތަކުން އެކުދިން އަރައިގަތުމަށް ފުރުސަތު ދިނުންކަމަށެވެ. އެގޮތުން ތަޢުލީމީ މަންހަޖަށް މިގެނައި ބަދަލާމެދު ބެލެނިވެރިންނާއި މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ވެރިން ވިސްނާލުން މުހިންމުކަމަށް އައިޝަތު އަލީ ވިދާޅުވެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރަށް ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ގްރޭޑް އަށެއްގައި ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން މި އަހަރު ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން އޯލެވެލް ސިލަބަސް ކިޔަވައިދޭން ފަށަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން