ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުން މާޔޫސްކޮށް އުއްމީދުތައް ގެއްލުވާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ޕޯޑިއަމެއްްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އާ ސަރުކާރެއް ރައްޔިތުން ވެރިކަމަށް ގެނައީ ވަރަށް ގިނަ އުއްމީދުތަކަކާއި ބޭނުންތަކެއް އޮވެގެން ކަމަށެވެ.

އެގޮތުން އާސަރުކާރެއް ވެރިކަމަށް ގެނައީ ކުރިއަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ކޮށްދޭނެ ކަމުގެ އުއްމީދުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ނަމަވެސް ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން މާޔޫސްކޮށް އުއްމީދުތައް ގެއްލުވާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން މާޔޫސްކޮށްލައިފި، އުއްމީދު ގެއްލިއްޖެ، ދޮގު މައްޗަށް ދޮގު ހަދާތަން އަޅުގަނޑުމެންނަށް މިފެންނަނީ. ހަމައެކަނި މާލޭގެ ރައްޔިތުންނެއް ނޫން، މުޅި ރާއްޖޭގެ ރައްޔިތުންވެސް މިއަދު ތިބީ މި ކުރެވުނު ކަންތަކާއި މެދު ކަންބޮޑުވެފައި،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށެވެ. އެގޮތުން މިސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގައި އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން، އެމްޑީޕީ އަކީ އެކަން ކުރަން އެނގޭ ބައެއް. ކޮށްފައި ތިބި ބަޔެއް. ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން އެކަން ކުރާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ އެއްވެސް އާ ކަމެއް ކޮށްފައިނުވާ ކަމަށެވެ. މި ސަރުކާރުން ކުރި ހަމައެކަނި ކަމަކީ ފުށި ދިއްގަރު ފަޅު ހިއްކުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްރަށުގައި އެމަނިކުފާނުގެ ސަރުކާރުން ފެށި ހުރިހާ ޕްރޮޖެކްޓްތަކެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަތްލޫ

27-Jan-2024

ތިކަންރަތްޔިތުން ދައްކާނީ ގާނޫނީ އިމުގެތެރެއިން ވޯޓުން އެއްވެސް ބޭފުޅަކު ހީކޮއްގެންނުވާނެމިއީ ތިމަންނަޔާ ތިމައްނަގެއާއިލީމީހުނާ ރަތްޓެހިންނާ އެކުވެރިން ހަދާނެއެއްޗެއްހަދަން އޮއް ބަންޑާރަގަންޑެއްހެން



ޓްރެންޑިން