ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި އެމްޑީޕީގެ މެމްބަރުންނާއި އެހެން ރައްޔިތުންނަށް ވެސް އެ މަންޒަރު ބަލަން ނުތިބެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިންގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން މިހާތަނަށް މަޑުކޮށްލައިގެން ތިބީ ސަރުކާރަށް ވަގުތުކޮޅެއް ދޭން ވެގެން ކަމަށެވެ. ސަރުކާރަށް ވަގުތުކޮޅެއް ދިނީ އެއީ ރައްޔިތުން އިންތިހާބުކުރި ސަރުކާރަކަށް ވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަދިވެސް ހިތަށް އަރާ ބައެއް ފަހަރު، އަދިވެސް ކުޑަވަގުތުކޮޅެއް އަޅުގަނޑުމެން ބަލައިލަންވީއޭ، އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވޭކަށް އޮތް ހެނެއް، ރައްޔިތުން ނުތިބޭނެ ބަލާކަށެއް. އަޅުގަނޑުމެން [އެމްޑީޕީ] ވެސް ތިބެގެނެއް ނުވާނެ. ޖަވާބުދާރީ ކުރުވުން އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެމްޑީޕީން ނުކޮށްފި ނަމަ ރާއްޖެ ބޮޑު އަނދަވަަޅަކަށް ވެއްޓިގެން ހިގައިދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހާރިޖީ ގުޅުން ގޯސްވަމުން ދިއުމާއި ރާއްޖޭގެ އަމަން އަމާންކަން ގެއްލި އިގުތިސާދީ ގޮތުން ވެސް އެތައް ދައްޗެއް ކުރިމަތިވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުުރުން ސަރުކާރުން ލަސްކުރާ ކަމަަށް ވިދާޅުވެ ރައީސް ސޯލިހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން