އިދިކޮޅު ފިކުރުގެ މޭޔަރަކު ހޮވައިފިނަމަ މާލޭ ސިޓީ އާއި ހުޅުމާލެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިގައިދާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ ފަރާތުން ވާދަކުރާ އައިޝަތު އާޒިމާ ޝަކޫރު މާލޭގެ މޭޔަރު ކަމަށް ހޮވައިދިނުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ ޓީވީ ޗެނަލަކަށް މިރޭ ފޯނުން ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަސްމީ ދަތުރުފުޅެއްގައި ޗައިނާގައި މިވަގުތު ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މޭޔަރު ކަމަކީ ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ. އެގޮތުން ސަރުކާރާއެކު ފުރިހަމައަށް ހުންނެވި، ސަރުކާރަށް އެއްބާރުލުން ދެއްވާނެ މޭޔަރަކު މާލޭ ސިޓީއަށް އިންތިހާބު ކުރަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފިކުރުގެ ބޭފުޅަކު މޭޔަރު ކަމަށް ރައްޔިތުން އިންތިހާބުކޮށްފިނަމަ އެކަން ވެގެންދާނީ ސަރުކާރަށް އުނދަގޫ ވާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލޭ ސިޓީ އާއި ހުޅުމާލެއަށް ގެއްލުންތަކެއް ލިބިގެން ހިގައިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ފިކުރެއްގެ މީހަކު މޭޔަރު ކަމަށް ލައިފިއްޔާ ވަރަށް އުނދަގޫ ކުރެވޭނެ ކަހަލަ ކަމަކަށްވާނީ، ހުޅުމާލެއަށް ވަރަށް ބޮޑެތި އުނދަގޫތައް ވަރަށް ގެއްލުންތައް ކުރިމަތިވެގެން ހިގައިދާނެ ކަމަކަށްވާނީ އެހެން ފިކުރެއްގެ މީހަކު ނަގައިފިއްޔާ، އެއީ މިހާރު ކަންތައްތައް ވާގޮތުން ސިޔާސީ ނިޒާމްގައި މަސައްކަތް ހިނގާގޮތުން އެ ހަގީގަތް އަަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ވިލިނގިއްޔަށް މި ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރާ މީހަކު ހުރީމަ ވިލިނގިލީގެ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނީ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރަކު ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިދިކޮޅު މޭޔަރަކު ހޮވުމަކީ ރަނގަޅު ޗޮއިސަކަށް ނުވާނެ ކަމަށާއި އެއީ ބުއްދިވެރި ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އާޒިމާ ޝަކޫރަށް ދެއްވާ ވޯޓް އިރާދަކުރެއްވިޔާ އެއީ މާލޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން މި ކުރިއަަށް ގެންދަން ހުރި މަޝްރޫއުތައް މަސައްކަތްތައް ގެދޮރާއި މަގު ހެދުމާއި ދެން ވެސް ބައިވަރު މަސައްކަތްތަށް އެބަހުރި، އެކަންކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކެންޑިޑޭޓަކަށް އާޒިމާ ވާނެ. ހުޅުމާލޭގެ ރައްޔިތުން މިސާލަށް ދަންނަވަންޏާ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އަޅުގަނޑު މިވަނީ ވައުދުވީ ގޮތަށް މިހާރު ކައުންސިލަށް ހަވާލުކޮށްފައި. އެއީ ވަރަށް ވަރަށް ބޮޑު ޒިންމާއެއް ވަރަށް ބައިވަރު ރައްޔިތުންގެ މުނިސިޕަލް ޚިދުމަތް އެއީ ގާތްގަނޑަކަށް 70000 ރައްޔިތުން ދެ ފިޔަވަހި އެކޮށްލައިފިއްޔާ،" ރައީސް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މޭޔަރުގެ އިތުރުން މާލޭ ސިޓީގެ ހުސްވެފައިވާ އެހެން ގޮނޑިތަކަށް ވެސް އެދުވަހު ބޭފުޅުން އިންތިހާބުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން