ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ސަރުކާރުން އެގައުމާއެކު ހަގީގަތް ނޭނގޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީން ސަލްޓަންޕާކްގައި ރޭ ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ މިހާރު ވެރިކަމުގައި އޮތް ރައީސް މުޢިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީގެ ސަރުކާރުން އިންޑިޔާއާއެކު 100 އަށްވުރެ ގިނަ އެއްބަސްވުންތަކެއް ސޮއިކުރި ކަމަށް ބުނެ އެކަން ވަރަށް ބިރުވެރި ވާހަކަ އަކަށް ވެގެންއުޅުއްވި ބޭފުޅުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަށް އެންމެ ދެ މަސް ދުވަހުގެ ތެރޭގައި ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ވިއްސެއް ނޫން ކުރީކީ ވެސް، 20 އެގްރިމެންޓެއް ނޫން ކުރީކީ، މި ދަންނަވަނީ ވަރަށް ސާފުކޮށް އެނގިގެން، 30 އެގްރިމެންޓްގައި ސޮއިކޮށްފައި އައީ،" ފައްޔާޒް ވިދާޅުވި އެެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޗައިނާ އާއެކު ސަރުކާރުން ހެދި އެއްބަސްވުންތަކުގެ ތެރޭގައި ހދ. މަކުނުދުއާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ. ސަރުކާރުން ސޮއިކުރި ކަމަށް ބުނާ މަކުނުދޫ އާ ގުޅޭ އެ އެއްބަސްވުމުގެ ހަގީގަތް އެމްޑީޕީން ބަލަން ބޭނުން ކަމަށާއި ރައްޔިތުންނަށް އެ އެއްބަސްވުމުގެ ހަގީގަތް އެނގެންޖެހޭ ކަަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަން ބޭނުންވޭ ފުށިދިއްގަރަށް ބޮޑުތިލަދުންމަތީގެ އެންމެން ގެނެސް އަޅާލައިފައި މަކުނުދޫ ހިސާބު ކޮންބަޔަަކަށް ދޭން، ކީއްކުރަައްވަންތޯ އުޅެނީ،" ފައްޔާޒް ވިދާޅުވި އެވެ.

ރައީސް ޑރ މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި 30 އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި ނަމަވެސް ދެ ސަރުކާރުން ވެސް ރަސްމީކޮށް ބުނެފައި ވަނީ ރައީސް ޑރ މުއިއްޒުގެ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވަނި 20 އެއްބަސް ވުމެއްގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން