މާލޭ ސިޓީ މޭޔަރު ކަމަށް ހޮވަންވީ، ސަރުކާރާ ރައްޔިތުންނާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ހުންނަވާނެ މޭޔަރެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެެެވެ.

ރައީސް މިހެން ވިދާޅުވީ މާދަމާ އޮންނަ މާލޭ ސިޓީގެ މޭޔަރާއި، އިތުރު ތިން ދާއިރާއެއްގެ ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ކަމަށް ހޮވަންވީ، ސަރުކާރާ ރައްޔިތުންނާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ހުންނަވާނެ މޭޔަރަކު ކަމަށެވެ. އެގޮތުން މޭޔަރު ކަމަަށް ހޮވަންވީ ސަރުކާރުގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ކަމަށާއި އެކަމަނާ އަކީ އެފަދަ ބޭފުޅެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރާ ދެކޮޅު ސިޔާސަތަކާއި ފިކުރެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވައިފިނަމަ ތަކުރާރުކުރަން ޖެހޭނީ މާޒީގައި ކުރި ހިތި ތަޖުރިބާތަކެއް ކަމަށެވެ. އަދި އެއީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މާލޭގެ ރަައްޔިތުންނާއި، ސަރުކާރާ ދެމެދު ހުރަހަކަށްވާނެ ކެންޑިޑޭޓަކު މާލޭގެ މޭޔަރުކަމަށް އިންތިޚާބު ނުކުރަން އެދިވަޑައިގެންފައެވެ.

"ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ހުރަހަކަށްވާނެ މޭޔަރަކު މިވަގުތު ޚިޔާރު ކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން، އަޅުގަނޑު މިހިރީ މާލޭގެ ރައްޔިތުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރުމަށް ކަމުގައިވާއިރު އެކަންކަމަށް ހުރަސް އަޅާނެ މީހަކު މޭޔަރަކަށް ޚިޔާރުކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމަކަށް ނުވާނެ،" މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވުމަަށްފަހު ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ މޭޔަރަކަށް ސަރުކާރާ ދެކޮޅު ބޭފުޅަކު އައުމަކީ ހުޅުމާލޭ ރައްޔިތުންނަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނާއި މާލޭ ސިޓީގެ ރައްޔިތުން އެކަމުގައި ވަަރަށް ސީރިއަސްކޮށް ވިސްނައި ސަރުކާރާ އެކުގައި މަސައްކަތްކުރާނެ ކެންޑިޑޭޓަކު ހޮވުމަަށް ރައީސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ. ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެމައްސަލަ ހައްލުކުރެވޭނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ކަމަށެވެ. އެހެންކަމުން އެކަމަށް ހުރަސް އަޅާނެ ބޭފުޅަކު މޭޔަރު ކަމަށް ނުގެނައުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ ރަސްމާލެ ތަރައްގީކޮށްގެން، އެހެންނަމަވެސް އެކަމަކީ ކޮށްގެންވާނެ ކަމެއް ނޫނޭ އެކަން ހުއްޓުވާނަމޭ ބުނާ ޕާޓީއެއްގެ މީހަކު މޭޔަރަކަށް އައިސްފިއްޔާ ދެން މާލޭގެ ރައްޔިތުންނަށް އޭގެން ކޮން ކަމެއްތޯ ނަތީޖާ އަކަށް އަންނާނީ،؟" ރައީސް ސުވާލު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން