ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލުގެނެސްފައިވާކަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

އެގޮތުން 11 ޖެނުއަރީ 2024 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7140 ރުފިޔާ ކަމަށް ޒަކާތު ހައުސް އިން އިއްޔެ ކުރި އިޢުލާނެއްގައި ވަނީ ބުނެފައެވެ. ފިޠުރު ޒަކާތާއި ޚިލާފަށް އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. މީގެ ކުރީން މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބުގެ އަދަދަކީ 7151.90 ރުފިޔާ އެވެ.

2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު މުދަލުޒަކާތުގެ ގޮތުގައި މުޅިރާއްޖެއިން 91.53 މިލިޔަން ރުފިޔާވަނީ ބަލައިގަނެފައެވެ.

ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން