މިހާރު އޮތް ސިޓީކައުންސިލުން މާލެއަށް އިހުމާލުވެފައިވާ ކަމަށާއި ރަނގަޅު ބަދަލެއް ގެނެވޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރޭ ވިދާޅުވެެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީންގެ މޭޔަރު ކެންޑިޑޭޓް، އާދަމް އާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު އޮތް މާލެ ސިޓީ ކައުންސިލުން މާލެއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި މާލެއަށް ރަނގަޅު ބަދަލެއް ގެނެވޭތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. މިހާރުގެ ރައީސް ޑރ. މުޢިއްޒު މޭޔަރަކަށް ހުންނެވިއިރު މާލޭ ސިޓީ ކައުންސިލް ހިންގާފައިވަނީ ވަކި ސަރުކާރެއްގެ ގޮތުގައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ކުރިން ކައުންސިލުން މަސައްކަތް ކުރަމުން އައީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިނުދޭ ބާރުތަކެއް "އަތް ދޮށަށް" ގެނައުމަށްކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ މާލޭގެ ކަންކަމަށް ހައްލު ހޯދުމަށް މިއަދު މުހިންމީ އެމްޑީޕީގެ މޭޔަރަކު ހުރުން ކަމަށެވެ. އެމްޑީޕީގެ މޭޔަރަކު އަންނަނީ ސަރުކާރަށް ޖެއްސުންކޮށް ވަކި ސަރުކާރެއް ހިންގަން ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ދޫކުރި ގޯއްޗާއި ފްލެޓް ހަވާލުކުުރުން ސަރުކާރުން ލަސްކުރަމުންދާ ކަމަށެވެ. އެހެންކަމުން ފްލެޓާއި ގޯތި ހަވާލުކުރުން ލަސްކުރާ މައްސަލަ ހައްލުކުރެވޭނީ މާލޭގެ މޭޔަރަކަށް އާދަމް އާޒިމް އިންތިހާބުކޮށްގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މާލޭގެ ރައްޔިތުންގެ ކިބައިން ހޮނިހިރު ދުވަހު ނިކުމެ ވަޑައިގެން ތިޔަ ބޭފުޅުންގެ އިހުސާސްތައް ތިބޭފުޅުން ހާމަކޮށްދެއްވާށޭ، މާލެއަށް މިވަމުންދާ ގޮތް މި ވޯޓުން ތިބޭފުޅުން ދައްކަވައި ދެއްވާށޭ، މާލޭގެ ރައްޔިތުންނަށް ވީ ވައުދުތައް އޮތްތާ އޮތީ ކުރަށްވަނީ އެހެން ކަމެއް،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ މާލޭ މޭޔަރުކަމުގެ އިންތިޚާބުން އެމްޑީޕީއަށް ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެެ.

"މިއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އަތުގައި އޮތް އިންތިޚާބެއް." ރައީސް ޞާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން