ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި އެ ދެ ބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީހީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައި ވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. މިފާރަކީ 21000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީހީ މުހިންމު ބިނާއެކެވެ.

ރައީސް ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން