މާލޭގައި ފެންބޮޑުވާ މައްސަލަ އެއްކޮށް ހައްލުކޮށް ނިންމާނީ މި ސަރުކާރުން ކަމަށް މާލޭ ސިޓީކައުންސިލްގެ ހުޅުމާލޭގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމަށް ފޯނުން ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މާލޭގެ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ފެންބޮޑުވާ މައްސަލަ މި ސަރުކާރުން އެއްކޮށް ހައްލު ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތައް ހަދާނީ ސަރުކާރާއި ސިޓީ ކައުންސިލާއި ގުޅިގެން ކަަމަށެވެ. އަދި މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަކީ މި ސަރުކާރަށް މާ ބޮޑު ކަމެއް ނޫން ކަމަށާއި އެކަން ކުރުމަަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް އޮތުން މުހިންމު ކަމަަށް އޭނާ ވިދާޅުވިއެވެ.

"ރައީސް މުޢިއްޒުގެ ވެރިކަމުގައި ސިޓީ ކައުންސިލުން މާލޭގައި މި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ނިންމާނީ އިރާދަކުރެއްވިޔާ، މާލޭގެ ރައްޔިތުންނަށް މި ތަކުލީފުގައި އުޅޭކަން މިވެރިކަން ނިމިގެންދާއިރު ނުޖެހޭނެ. އެ ވަރަށް އަަޅުގަނޑުމެންގެ ސިޓީކައުންސިލްގެ މަސައްކަތް ފާސްޓު ކޮށް ސަރުކާރާއި ގުޅިގެން ކުރިއަށްދާނީ. މިހާރު ވެސް އެ މަސައްކަތުގެ ތަރުތީބު އެކުލަވާލަމުން މިދަނީ." ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ މާލެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ކުރިއަަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެމަސައްކަތުގެ ދަށުން ކޮންމެވެސް ވަަރެއްގެ ތަސައްލީ އެއް މާލޭގެ ރައްޔިތުންނަަށް ލިބިގެންދާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"މިއީ ވާހަކަ ދައްކަން ތިބޭފަދަ މައުލޫއެއް ނޫން، މިއީ ހަމަ ދެފަަރާތުން ސިޓީކައުންސިލާއި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންކަން މިކަންކަމަކީ ސަރުކާރުގެ ވިސްނުން ވަކިގޮތެއްގައި ސިޓީ ކައުންސިލްގެ ވިސްނުން ވަކިގޮތެއްގައި އޮވެގެން ހައްލު ލިބޭނެ މައްސަލަ އެއް ނޫން މިއީ، ދެ ފަރާތުގެ ވިސްނުން އެލައިން ކުރެވިގެން ކުރެވޭނެ މަސައްކަތެއް،" ޝުޖާޢު ވިދާޅުވިއެވެ.

މާލޭ ސަރަހައްދަށް މިއަދު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރު ވެސް ކުރަމުންދާއިރު ގިނަ އަދަދެއްގެ ގެތަކާއި ފިހާރަތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންތަކެއް ލިބިފައެެވެ. މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ވެސް މާލެ އަށް ކުރި ވިއްސާރައިގައި މަގުތަކުގައި ހިނގާ ބިނގާވެ ދުއްވާ އެއްޗެހި ނުދެއްވޭ ވަރަށް ފެންބޮޑުވެ ބައެއް ގެތަކާއި ފިހާރަ ތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން