ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ.

‎މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

‎ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން މި ހަފްތާގެ ބުދަ ދުވަހު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވެވިއެވެ.

‎މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އެ ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވިއެވެ.

‎މެޑަމް ސާޖިދާ އަދި ރައީސް މުޢިއްޒު ޗައިނާގެ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެކި ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

‎އަދި ސަގާފީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. މިގޮތުން ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވިދާޅުވެފައިވެއެވެ.

‎މީގެ އިތުރުން އެމަނިކުފާނު ޗައިނާއަށް ކުރެއްވި މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް މުޢިއްޒު އަލިއަޅުވާލެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން