ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ރުފިޔާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ފަސޭހަ ގޮތެއްގައި އަދާކުރެވޭނެ ގޮތަކާމެދު ދެޤައުމުގެ މެދުގައި މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރު އެފައިސާ ނުދައްކައި ވީހާވެސް ބޮޑު ގްރޭސް ޕީރިއަޑެއް ހަމަޖައްސައި، ލުއި ގޮތެއްގައި ދަރަނި އަދާކުރެވޭނެ ގޮތެއް ހޯދުމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީއާއި އެ ޤައުމުގެ މާލީ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ، ޝިންމިއަން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު އެއްބަސްވެފައިވާ ކަމަށާއި ކުރިއަށް އޮތް ބަހާރު މޫސުން ފެށޭއިރަށް އެ އެއާލައިނުން ރާއްޖެއާއި ޗައިނާގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 2019 ވަނަ އަހަރު ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައި މިންވަރުގެ ދެގުނައަށް އެ ޤައުމުގެ ފަތުރުވެރިން ގެނައުމުގެ މަސައްކަތް ތަރުތީބުވެފައިވާކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އޭގެއިތުރުން ރާއްޖޭގެ ފުޑްސެކިއުރިޓީ ވަރުގަދަކުރުމާއި އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވެސް މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޗައިނާ ދަތުރުފުޅަށްފަހު ރައީސް މުޢިއްޒު މިއަދު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށާއި ޗައިނާއިން ރާއްޖޭގެ ކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން