މާލޭ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ސޯލިހު ވަނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކަން އާޒިމް ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންގެ އިޙްޞާސްތަކާ އެއްގޮތަށް މަސައްކަތް ކުރުމުގައި އެމްޑީޕީ ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 52 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ 6،000 އަށް ވުރެ ގިނަ ވޯޓް ހޯއްދަވައިގެންނެެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ. ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 4،657 ވޯޓެވެ.

މިއީ މިހާތަނަށް އެންމެ ދަށް އިންސައްތައެއްގެ މީހުން ވޯޓުލައިގެން މާލޭގެ މޭޔަރަކު އިންތިޚާބުވި ފަހަރެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވަނީ ނިސްބަތުން މަދު ބައެއް ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން