ޗައިނާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅާ ގުޅިގެން ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ އެއްވެސް ވެރިޔަކު މިހާތަނަށް ކުރައްވާފައި ނުވާ ފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް ކަމަށެވެ. މި ކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހި ޤައުމަށް ރައީސް ހޯއްދަވައިދެއްވި އެހީތެރިކަމާއި، ޤައުމަށް ލިބިގެންދިޔަ ކުރިއެރުންތަކަށްޓަކާ ރައީސް މުއިއްޒަށް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ބޮޑެތި ލުއިތަކެއް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާ ކަމަށާއި އަދި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު އެހީއެއް މި ދަތުރުފުޅުގެ ތެރެއިން ލިބިގެން ގޮސްފައިވާކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް ޗައިނާ އަށް ކުރެއްވި ދަތުރުފުޅުން އެކި ދާއިރާތަކުން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްޤީގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދިޔުމަކީ ރާއްޖެއަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން