މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެެ. ރައީސް އޮފީހުން ބުނީ އިންތިހާބީ މޭޔަރު އާދަމް އާޒިމަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވީ ފޯނުން ގުޅުއްވާ ދެއްކެވި ވާހަަކަފުޅުގައި ކަމަށެވެ.

އެގޮތުން އާޒިމަށް މަރުހަބާވިދާޅުވެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 4،657 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ހުސްވީ ކުރިން މޭޔަރު ކަމުގައި ހުންނެވި ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން