މާލޭ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނޫނެކޭ ބުނެފި ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ރައީސް މުޢިއްޒުގެ ޕާޓީން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިވަޑައިގަތް ނާކާމިޔާބީއަށް އިޝާރާތްކުރައްވައެވެ.

މާލޭގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ވެރިކަމާ ހަވާލުވިތާ އެންމެ 58 ދުވަސްތެރޭ މާލޭގެ ރައްޔިތުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނެފައިވާ ކަމަށް އިއްޔެ ނެގި ވޯޓުން ދޭހަވާ ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރީގެ އެމްޑީޕީ ސަރުކާރާއި ބެހޭގޮތުން ދައްކާފައިވާ ފިތުނައިގެ "ދޮގު ދޮލަނގު" ފުރާލާފައިވާ ވާހަކަތަކުގައި "ފުޅަ އަޅާފައިވާ ކަން" މިހާރު މާލެ ރައްޔިތުންނަށް ފެނިއްޖެ ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ސަރުކާރުން ހިންގާ ފުށިދިއްގަރު ފަޅުގެ މަޝްރޫޢު ކަމުނުދާ ކަންވެސް އިންތިޚާބުގެ ނަތީޖާއިން ދޭހަވެގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، އެތަނަކީ ގްރޭޓާ މާލެ އޭރިއާގެ އެހެން ސަރަހައްދުތަކާއި މާ ދުރު ހިސާބެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރަސް ކުރަން މިޖެހެނީ އާދަޔާޚިލާފަށް ގަދަ ވާދޫ ކަނޑު. ބްރިޖްތަކާއި ފުރަަމާލޭގައި އުޅެން ބޭނުންވަނީ. ފަރުކޮޅުފުށިން ފެށިގެން ގިރާވަރުފަޅާއި ހަމައަށް ދަމާލެވިފައިވާ ގްރޭޓާ މާލެ. (ރަސް މާލެއަށް ހޭދަކުރަން އުޅޭ) ދިހަ ބިލިޔަން ޑޮލަރު ހިކިފައިވާ ލާމު އަތޮޅުގެ ބިމަށް އަޅާލަދެއްވާ. އޭރުން ދިވެހި ރައްޔިތުން ގަބޫލުކުރާނެ." ޝާހިދު ވިދާޅުވިއެވެ.

އެއާއެކު، ރައީސް ޞާލިޙު ދެއްވާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ޙައްޤުވެރިންނަށް ދިނުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން