މާލެ މޭޔަރު ބައި-އިލެކްޝަނުން ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ އިންތިހާބުގެ ކެމްޕެއިނަށް ލީޑާޝިޕުން ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދެވިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީގެ މޭޔަރުގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ. އާޒިމް އާއި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމް 7621 ވޯޓު ހޯއްދެވިއިރު އާޒިމާއަށް ލިބިވަޑައިގަތީ 5،032 ވޯޓެވެ.

އިއްޔެގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގައި ތިބެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މޭޔަރުގެ އިންތިޚާބަށް ދޭންވާ ސަމާލުކަމެއް ލީޑަރޝިޕަށް ނުދެވުނު ކަމަށެވެ. އެގޮތުން އާންމު މެންބަރުންނާއެކު ގާތުން ކެމްޕެއިނުގެ މަސައްކަތްތައް ކުރެވުނު ނަމަ ގިނަ ބަޔަކު ވޯޓު ލުމަށް ނުކުންނަ ވަރު ކުރެވުނީސް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން އިންތިހާބުން ބަލިވި އެންމެ ބޮޑު ސަބަބަކީ އާންމު މެންބަރުންނާއެކު ގާތުން ލީޑަރޝިޕަށް މަސައްކަތް ނުކުރެވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި އިންތިޚާބަށް ދޭންވާ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް (ލީޑަރޝިޕަކަށް) ނުދެވުނު. އޭގެ ނަތީޖާއަކަށް މިވީ މޭޔަރުކަމުގެ ގޮނޑި އަޅުގަނޑުމެންނަށް ނުލިބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި އިންތިޚާބުން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިޚާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދައަށް ޕީއެންސީން ކުރާނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި މެންބަރުން މާޔޫސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ޕީއެންސީން ނުކުރާނެ ކަމުގެ ޔަގީންކަން އަދުރޭ ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން