ރާއްޖެ މުޢިއްޒު ކުރަން އިތުރު ފުރުޞަތެއް ނެތް ކަމަށާއި އެމްޑީޕީން އިތުރު ގިޔަރަކަށް ހަރަކާތްތައް ޖައްސާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިގޮތަށް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ބަލިވެވަޑައިގަތުމާއި ގުޅިގެންނެވެ. މޭޔަރުގެ ގޮނޑި ބޮޑު ތަފާތަކާއެކި ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމެވެ.

އެކާމިޔާބީ ފާހަގަކުރަން އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތުމަކީ އެޕާޓީގެ ކާމިޔާބީތަކުގެ ފެށުން ކަމަށެވެ. މިިދިޔަ އަހަރުގައި ބޭއްވި އިންތިޚާބުން ބަލިވުމަށްފަހު އެމްޑީޕީން މިހާދުވަހު މަޑުން ތިބީ މި ސަރުކާރުން ހަދާ އެއްޗެއްގެ "ވާނުވާ" ބަލަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިއަދަށްފަހު އެމްޑީޕީގެ ހަރަކާތްތަކުގެ ގިޔަރު ބާރުކުރާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"މިއީ އާ ފެށުމެއް، އާ ހިތްވަރެއް، މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން، މާލެ މުއިއްޒު ކުރުމަށް ފަހު ރާއްޖެ މުއިއްޒު ކުރާކަށް ފުރުސަތެއް ނެތް،" ފައްޔާޒް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް އިންތިހާބު އެމްޑީޕީ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވާފައިވަނީ 7000 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ލިބިވަޑައިގެންނެވީ، 5069 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން