ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ ބުރިޖުތަކުން ގުޅިފައިވާ ތަނަކަށް މިހުން ގެންގޮސްގެން ކަމަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މޭޔަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުން ދޯންޏަކަށް ލައިފައި ކަނޑު ހުރަސް ކުރަން ދާކަށް ބޭނުން ނުވާ ކަމަށެވެ.

އަދި އެމްޑީޕީގެ ސިޔާސަތަކީ ވެސް ބުރިޖުތަކުން ގުޅާލެވިފައިވާ އަވަށްތަކަކުން މާލޭގެ ރައްޔިތުންނަށް ދަތުރު ކުރެވިގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް އެ އިޝާރާތް ކުރެއްވީ މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށެވެ، ފުށި ދިއްގަރު ފަލު ހިއްކައިގެން "ރަސް މާލެ" ނަމުގައި ތަރައްގީ ކުރާ އެ ރަށާ މާލެއާ ގުޅާލަނީ ފެރީގެ ނިޒާމުން ކަމަށް މި ސަރުކާރުން ވަނީ

ބުނެފަ އެވެ.

ނިމިދިޔަ ސަރުކާރުން ގޯއްޗާއި ފްލެޓްތައް ދޭން ނިންމާފައިވާ ފަރާތްތަކަށް ގޯތި ދިނުން އަވަސް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލަ ހައްލު ނުވެއްޖެނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ،

"އެންމެ އަވަހަށް ގޯތި ކަންތައް ހައްލު ކުރެވޭނެ ގޮތަކަށް މިކަން ބަހައްޓަންކުރަން، އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ އަވަހަށް މާލޭގެ ރައްޔިތުންނަށް ދަފްތަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ލިބޭނީ ބުރިޖުތަކުން ގުޅިފައި އޮތް ތަނަކަށް އެ ބޭފުޅުން ގެންދެވިއްޖިއްޔާ. އެ ނޫން ގޮތަކަށް އަޅުގަނޑަކަށް ނުފެނޭ މިކަން ހައްލުވާތަނެއް މާ އަވަހަކަށެއް." އާޒިމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން