އިންޑިއާ ސިފައިން މާޗް 15 ގެ ކުރިން އަނބުރާ ޤައުމަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ސަރުކާރުން މިކަން ހާމަކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަށާ ރައީސް މުޢިއްޒުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ހުށަހަޅުއްވާފަ. ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު ކުރިއަށްދިޔަ އެބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އެހާ ވަގުތު ނަގަނީ ހަމަޖެހޭ އުސޫލަކުން ދެ ފަރާތުގެ ގުޅުމަށް ބުރޫ ނާރާނެ، ރަނގަޅު ތަހުޒީބީ މަގަކުން އެކަން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މި ބައްދަލުވުންތަކުގެ ތެރެއިން އަޅުގަނޑުމެންގެ ހިމާޔަތާއި ރައްކާތެރިކަމާއި އަޅުގަނޑުމެންގެ ހަމަތަކާއި އުސޫލަށް ރިއާޔަތް ކުރެވިގެން މިކަން ރަނގަޅަށް ނިމިގެންދާއިރު އަޅުގަނޑުމެންގެ ހާރިޖީ ގުޅުން ކުރިން ވެސް އޮތް ގޮތުގައި އޮތުން،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އިންޑިއާގެ 88 ސިފައިން ތިބިކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން