އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ދަތިތައް ދިމާވެދާނެތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަަމުން ރޮޒެއިނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހީނަރުވަމުންދާނަމަ އެކަމުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށާއި އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހި ބަލިމީހުންނަށް ކުރާނެ ކަމަށެވެ.

ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ބެހޭގޮތުން ސަރުކާރުގެ އިސް ތިން ބޭފުޅަކު ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން އެކަމަށް ރަނގަޅު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. ސަރުކާރުން އެފަދަ ވާހަކަތަކާއި ދެބަސްވާނަމަ އެކަން އަންގައިދިނުމަށް އެތިން ބޭފުޅުން މަޤާމުން ވަކިކުރައްވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އިންޑިއާގެ ޕްރައިމް މިނިސްޓަރ އިންޑިއާގެ ތަނަކަށް ގޮސް އެތަން ޕްރޮމޯޓް ކުރުމުން މި ތިން މީހުންނާއި ކޮން ބެހޭ ކަމެއްތޯ. (އިންޑިއާގައި) ސޯޝަލް މީޑިއާގައި ބޮއިކޮޓް މޯލްޑިވްސް ޖަހާފައި އޮތުމުން ގެއްލުންވީ އަޅުގަނޑުމެންނަށް ނޫންތޯ. މޯދީތޯ ނުވަތަ މި މީހުންތޯ ރާއްޖެއަށް ގެއްލުން ދޭން މަސައްކަތް ކުރީ. ތިމަންނަ މި ކުރާ ޕޯސްޓަކުން ކިހާވަރެއްގެ އަސަރެއް ކުރާނެ ކަން ވިސްނަން ޖެހޭނެ. ސަސްޕެންޑްކޮށްފައި އަލުން މަޤާމް އިއާދަކުރުމުން އެއީ އަމިއްލަ ޚިޔާލެއް ނޫން ކަން އެބަ އެނގޭ. ރާއްޖެއަށް ޣައްދާރުވި 3 މީހުންނަށް ދިވެހިންގެ ފައިސާއިން މުސާރަ ދީގެން ބަހައްޓާކަށް ނުޖެހޭ." ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން އިންޑުއާއަށް ބޭސްފަރުވާއަށް ގޮސް އުޅޭ ދިވެހިންނަށް ބައެއް ކަހަލަ ދަތިތަކާއި ދިމާވަމުންދާ ކަމުގެ ޝަކުވާތައް މަދުން ނަމަވެސް އަޑުއިވެމުން ދެއެވެ. އިންޑިއާ ސަރުކާރުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު ނޭޅި ނަމަވެސް އެޤައުމުގެ ރައްޔިތުންނަށް އަސަރުކުރާ ފަދަ "އަމިއްލަ ޚިޔާލުތައް" ޑެޕިއުޓީ މިނިސްޓަރު ލެވެލްގެ ބޭފުޅުން ދައްކާފައި އޮތުމުން އެޤައުމުގެ ރައްޔިތުންގެ ހިތުގައި ދިވެހިންނާއި މެދު ނަފްރަތު އުފެދިފައިވާކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އިންޑިއާގައި އުޅޭ ދިވެހިންނަށް އެކި ޒާތުގެ ދަތިތައް ކުރިމަތިވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ނަފްރަތު އުފެދުމުން އެލޯތްބަށް ބަދަލުކުރަން އަނެއްކާ އެތައް ޒަމާންތަކެއް ނަގާނެ. ބެންގްކޮކަށް އާސަންދަ ދީގެން ކިތައް މީހުންނަށްތޯ ދެވޭނީ. ތައިލޭންޑަށް ފޮނުވި ނަމަވެސް އެހީތެރިޔާއަށްވެސް ޓިކެޓް ނަގަން ސަލާން ޖަހަން ޖެހޭނެ. މިހާރުވެސް މިކިޔަނީ ގައުމުގައި ލާރި ނެތް ވާހަކަ. ޗައިނާއަށް ބޭސްފަރުވާއަށް ދަނީ ކިތައް ދިވެހިންތޯ؟ އަޅުގަނޑުމެން މި 5 އަހަރު ނިންމާލީ އެއްވެސް ޤައުމަކާއި ޖައްސާނުލާ." ދުރު ޤައުމުތަކަށް އާސަންދަ ދީގެން އެކަަމަށް ދާނެ ޚަރަދުތައް ދިވެހިންނާއި ސަރުކާރަށް އުފުލޭނެ ކަމާއި ދޭތެރޭ ސުވާލު އުފައްދަވަމުން ރޮޒޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

މޯޑް

27-Jan-2024

މިކަމުގައި ސަރުކާރުންވެސް އެބަޖެހޭ ކޮންމެވެސް ވަރަކަށް ދޫދޭން. ގުޅުން ބަދަހި ކުރަން. އަހަރުމެން ނިކަމެތިންނަށް އާސަންދަ އެއް ނުލިބޭނެ ކޮންމެ ފަހަރަކު. އެހެންވެ ދާން އޮތްތަނަކީ އެންމެ ކައިރީ އޮތް އިންޑިއާ.



ޓްރެންޑިން