ކެއްކުމާމެދު ފާޑުކިއުމުން ވަޅިން ހަމަލާ ދިން ކައްކާއަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިިއްވައިފި އެވެ.

ކްރިމިނިލަް ކޯޓުން އާންމުކުރި ޝަރީއަތުގެ ހުލާސާގައި ބުނެފައިވާ ގޮތުގައި އެ މާރާމާރީ ހިނގީ 2020 ވަނަ އަހަރު ސިޓީ ބޭކަރީގައި ކަމަށެވެ.

އެގޮތުން ސިޓީ ބޭކަރީގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ ގޮތުގައި އުޅުނު އިންޑިއާގެ ސުންދަރަ ރާޖަން، އެ ތަނުގައި ކައްކާއަކަށް އުޅުނު ބަންގްލަދޭޝްގެ މުހައްމަދުލް ހަސަންގެ ކެއްކުމާ މެދު ހިތްހަމަނުޖިގެން އަލުން ކާއެއްޗެއް ހަދަން އެންގި ކަމަށެވެ.

އެހެންވެ އެކަމާ އައި ރުޅީގައި ހަސަން ގޮސް ޕާން ފޮތި ކުރަން ގެންގުޅުނު ވަޅިން ރާޖަންގެ ބޮލަށް ވަޅި ހެރިކަމަށެވެ.

އެ މައްސަލައަށް ހަސަން އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި ނިންމީ އޭނާ ކުށްވެރިވާ ކަމަށެވެ.

އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދިންކަން ސާބިތުވެ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ އިއްވައިފަ އެވެ.

ނަމަވެސް އޭނާ ޖަލުގައި ހޭދަކުރި ދުވަސްތައް ކަނޑައި ހަސަން ޖަލުގައި ހޭދަކުރަން ޖެހޭނީ ހަތް އަހަރާ 25 ދުވަސް ކަމަށް ކޯޓުން ކަނޑަައެޅި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން