ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަށް ކުރިއަށް ގެންދިއުން ހުއްޓާލައިފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ބަންދާމެދު ގޮތެއް ނިންމުމުގެ ޝަރީއަތްތަކާއި އެހެނިހެން ޝަރީއަތްތަކުގެ އަޑުއެހުންތައް މިއަދުން ފެށިގެން މައްސަލައިގައި ހިމެނޭ އެންމެން ކޯޓަށް ހާޒިރުކޮށްގެން ކުރިއަށް ގެންދަން ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ވިއްސާރައިގެ ސަބަބުން އެ ކޯޓުގެ ކަރަންޓު ވިއުގައަށް އޭގެ އަސަރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސާވާތަކަށް ފެނުގެ އަސަރުކޮށް، އެކި ވަގުތުތަކުގައި، ނެޓްވޯކް ކެނޑޭކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.

އެހެންކަމުން ސާވާތައް ރައްކާތެރިކުރުމުގެ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރާތީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ގޮތެއް މިހާރު ނެތްކަމަށް އެ ކޯޓުން މައުލޫމާތުދެެއެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައި ހުރި ތަނެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެ ކޯޓުގައި ޝަރީއަތް ހިންގާ ކޮޓަރީގައި ވެސް ރެނދުލައި، ބައެއް ތަންތަން ވަނީ ވެއްޓިފައެވެ. އަދި މީގެ ކުރިން ވެސް ވިއްސާރަވެ ކޯޓަށް ފެން ވަނުމުން، މަސައްކަތް ކުރަން ދަތިވެ، މަސައްކަތް ހުއްޓާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން