ތިންލައްކަ ޓަނު ހޭންޑަލް ކުރެވޭ މިންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ބޮޑުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ތަޞައްވަރެއް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސްގެ ތަސައްވުރަކީ މިހާރުން މިހާރަށް މަސައްކަތް ފައްޓަވައި ޓާމިނަލްގެ ކެޕޭސިޓީ 300،000 ޓަނަށް އިތުރުކުރުން ކަމަށެވެ.

އޭގެ އިތުރުން ވީއައިއޭ އަށް އެއަރ ކާގޯ އަަންނާނެ މަގު ފަހިކުރުމަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެގޮތުން މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ އިކޮނޮމިކް ޒޯނާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ސަޢީދު މިއަދު ވިދާޅުވިއެވެ.

"މިހާރު އެބައޮތް ކޮންމެވެސް ޒާތެއްގެ އެއްބަސްވުމެއް، އެބޭފުޅުން ކުރިއަށް ވަޑައިގަންނަވަން ބޭނުންވާ ގޮތުގެ މަގު ޗާޓެއް ފޮނުވާފައި. އެއީ މި ސަރަހައްދުގެ އެންމެ ބޮޑު ކާގޯ ޓާމިނަލްކަން އަޅުގަނޑު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ މި އައު ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.

އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަހަރަކު ޖުމްލަ 25،000 ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރުމުގެ މެގަ ޕްރޮޖެކްޓް އިޢުލާނު ކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީގޮތުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އައު ޓަރމިނަލް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޓަރމިނަލް ބައްލަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން