ގައުމު ކުޑަވުމަކީ އެހެން ބަޔަކަށް ކުޑައިމީސްކުރަން ލިބޭ ހައްގެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައީސް ޑރ. މުޙަައްމަދު މުޢިއްޒަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސް ކަމުގައި ދިވެހިންނަށް ރައްދުކޮށް އިންޑިއާގެ ބައެއް ފަރާތްތަކުން ބަދު ބަސްތައް ދަނީ އަމާޒު ކުރަމުންނެވެ. އެކަން ފެށުނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ރާއްޖެ އަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ފެށި ކެމްޕޭނަށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ރައްދުދީ މޯދީ އަށާއި އިންޑިޔާ އަށް ފާޑުވިދާޅުވެ ދެއްކި ވާހަކަތަކާއި ގުޅިގެންނެެވެ. އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާއިރު ސަރުކާރުން ވަނީ ވަޒީރުންގެ އެ އަމަލު ކުށްވެރިކޮށްފައެވެ.

އެކަމާ ގުޅިގެން އިންޑިޔާގެ އެކި ފަރާތްތަކުން ދިވެހި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެެވެ. އެމައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް މައްސަލަ ގޯސްވެ އަރައިރުން ބޮޑުވެފައިވަނިކޮށް ރައީސް މުޢިއްޒު ވެސް ވަނީ އެކަމާއި ގުޅޭގޮތުން ނުސީދާކޮށް އިންޑިޔާގެ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖެ ކުޑަވުމަކީ ބުލީ ކުރުމަށް "ކަލޭމެންނަށް" ލިބޭ ލައިސަންސެއް ނޫން ކަމަށެވެ. އެކަމާއި ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ރާއްޖެ ކުޑަވުމަކީ އެެހެން މީހުންނަށް ކުޑައިމީސް ކުރަން ލިބޭ ހައްގެއް ނޫން ކަމަށެވެ.

ޔުމްނާ އެ އިޝާރަތް ކުރައްވަނީ ރައީސް ނުސީދާކޮށް އިންޑިއާއަށް ދެއްވި ރައްދަށް ކަމަށް ބެލެވެއެވެ. އަދި އެއީ ރައީސް މުއިއްޒު ވިދާޅުވި ބަސްފުޅަށް ގޮންޖައްސަވައި ނުވަތަ މައްލަވަ ކުރެއްވުން ކަމުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މިމައްސަލައިގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖެ ކުޑަވުމަކީ ބުލީ ކުރަން އެއްވެސް ފަރާތަކަަށް ލިބޭ ލައިސަންސެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން