ދިއްދޫ ޕަވަރހައުސް ޕްރޮޖެކްޓް
ދިއްދޫ ޕަވަރހައުސް ޕްރޮޖެކްޓް
ފެނަކަ ދިއްދޫ އޮފީހުން 57 މުވައްޒަފުން ވަކިކޮށްފައިވަނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން މުއާޒް ވިދާޅުވީ މިއަދު ފެނަކަ ދިއްދޫ ބްރާންޗުން ވަކިކޮށްފައިވާ މުވައްޒަފުންނަކީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި ގުޅިގެން ދޫކުރަން ޖެހުނު ޕްރޮޖެކްޓް ސްޓާފުން ކަމަށެވެ.

"އެއީ ޕަވަރ ހައުސް ކޮންސްޓްރަކްޝަނަށް ނަގާފައިވާ ވަގުތީ މުވައްޒަފުން. މިވަގުތު ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތީމަ ކޮންޓްރެކްޓް ސްޓާފްސްގެ ކޮންޓްރެކްޓް ރިނިއު ނުކުރަން ވަނީ ނިންމާފައި. އެއްބަސްވުން އައު ނުކުރާނެ ކަމަށް ފާހަގަކޮށްފައި އޮންނާނެ" މުޢާޒް ވިދާޅުވިއެވެ.



ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމެން ކުރު މުއްދަތަކަށްވެފައި ވަނިކޮށް ފެނަކައަށް 2000 އަށް ވުރެ ގިނަ މުވައްޒަފުން ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ކަމަށް މި ސަރުކާރުން ހާމަކޮށްފައި ވެއެވެ. ފެނަކައިގެ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރި ނަމަވެސް ވަކި މަޝްރޫޢުތަކަށް ޚާއްސަކޮށް މުވައްޒަފުންނާއި ހަވާލުކުރެވުނު މަސައްކަތް ނިމި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އައު ނުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ. ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެން ނުވާ މިންވަރަށް ވަގުތީ މުވައްޒަފުން ނަގާފައިވާއިރު ފެނަކަ އޮތީވެސް ބޮޑު އަދަދަކުން ދަރަނިވެރިވެފައި ކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.

މީޑިއާއަކަށް މަޢުލޫމާތު ދެމުން ފެނަކައާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ވަކިކުރި މުވައްޒަފަކު ބުނީ ނިމިދިޔަ ނޮވެމްބަރުގައި އެއްބަސްވުމުގެ މުއްދަތު ހަމަވީއިރު ހަތަރު މުވައްޒަފަކު އިއްޔެއާއި ހަމައަށް ފެނަކައިގެ މަސައްކަތަށް ނިކުމެފައިވާ ކަމަށެވެ. މިކަމާއި ގުޅޭގޮތުން "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުއާޒް ވިދާޅުވީ "އެފަދައިން މަސައްކަތްކޮށްފައިވާނަމަ މަސައްކަތް ކުރި ދުވަހަކަށް އުޖޫރަ ދޭނެ" ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިގެ ސީއެޗްއާރްއޯ ޙަސަން ހުސައިން ވަނީ "ރަސް އޮންލައިން" އަށް އިތުރު މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. މުއާޒްއެކޭ އެއްގޮތަށް ހަސަންވެސް ވިދާޅުވީ އެމުވައްޒަފުންގެ މުސާރައިގެ ޙައްޤަށް އުނިކަމެއް ނުގެނެސް، މަސައްކަތަށް ނުކުތް ހުރިހާ ދުވަސްތަކަށް އެއްބަސްވެފައިވާ އުޖޫރަ ދޭނެ ކަމަށެވެ. އަދި ކުންފުނިން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް ހަމަވުމުންވެސް ދެފަރާތުން އެއްބަސްވާނަމަ މަސައްކަތަށް ނެރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާ ކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް، ޢާންމު އުސޫލުން ކޮންޓްރެކްޓް ހަމަވާތާ އެެއް ދުވަސް ފަހުންވިޔަސް އިތުރަށް މަސައްކަތް ކުރުވަން ބޭނުންވާނަމަ، އެކަން މުވައްޒަފަށް ކޮންޓްރެކްޓެއް ފޮނުވައިގެން އަންގާ ކަމަށް ޙަސަން ވިދާޅުވިއެވެ.

"ކޮންޓްރެކްޓްގައި ސާފުކޮށް ބަޔާން ކޮށްފައިވަނީ މިކޮޅުން ބޭނުންވެއްޖެ ހިނދެއްގައި ކޮންޓްރެކްޓް ހަމަވިކަމުގައިވިޔަސް ދެފަރާތުން ބޭނުންވެއްޖެނަމަ އެ މަސައްކަތް ކުރެވިދާނެ ކަމަށް ކޮންޓްރެކްޓް އިތުރު ނުކޮށްވެސް." ހަސަން ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލުތައް ހާމަކުރައްވަމުން ހަސަން ވިދާޅުވީ ހއ، ދިއްދޫ ޕަވަރހައުސް ކޮންސްޓްރަކްޝަން މަޝްރޫޢުއަށް ނަގާފައިވާ 70 މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު 15 ޖެނުވަރީގައި ހަމަވެފައިވާ ކަމަށެވެ. އަދި ބާކީ ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް 20 ޖެނުވަރީގައި ހަމަވާއިރު އެމުވައްޒަފުން އެހާތަނަށް ފެނަކައިގައި މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"އެއީ ދިއްދޫ ބްރާންޗްގެ އިންޖީނު ހަދަން ނަގާފައިވާ ވަގުތީ މުވައްޒަފުން. އެބޭފުޅުންނަށް ކަނޑައެޅިގެން އެނގޭނެ ވެއްދިއިރުގައިވެސް ވަކި މަސައްކަތަކަށް ވަގުތީ އުސޫލުން ކަން ނަގާފައިވަނީ. އެއްވެސް ޙާލަތެއްގައި މުވައްޒަފުން ކަނޑާލީކީއެއް ނޫން އަޅުގަނޑުމެން. ފައިނޭންޝަލް ޙާލަތު ހުރިގޮތުން މިވަގުތު އިންޖީނުގެ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެބޭފުޅުންނަށް އެންގިން. އެތާނގައި މަސައްކަތް ނުކުރާތާ ތިން މަސް ވެއްޖެ. މަސައްކަތެއް ނެތިއްޔާ އަޅުގަނޑުމެންނަށްވެސް އެބޭފުޅުން ނުބެހެއްޓޭނެ ނޫންތޯ. މިހުރިހާ ދުވަހު މަސައްކަތެއް ނެތަސް، އެބޭފުޅުންނަށް އަޅުގަނޑުމެން މުސާރަ ދެމުން ދިޔައީ." ޙަސަން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން