ނިމާލާއި މުހައްމަދު އިސަމާއިލް
ނިމާލާއި މުހައްމަދު އިސަމާއިލް
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އަޑުއުފުލައި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް އަމަލުކޮށްގެން ރައްޔިތުން މަޖިލީހުގެ ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލާއި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ނިމާލު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީން އާދިއްތަ ދުވަހުގެރޭ ވަނީ މާލޭގެ މަގުމަތީގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށްފައެވެ. "އެންމެން އެއްއަޑަކުން" ނަމުގައި އިދިކޮޅު ފަރާތްތަކުން އެއްވީ ޗާނދަނީ މަގާއި މަޖީދީ މަގު ގުޅުނު ސަރަހައްދަށެވެ. އަދި އެއްވި މީހުން މަޖީދީ މަގުން ހިނގާފައި ގޮސް ޕީޕީއެމް އޮފީހާ ހަމައަށް ދިޔައެވެ. ހޯމް މިނިސްޓްރީން މިމަހުގެ ކުރީކޮޅު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުރީން ހުއްދަ ނުހޯދައި މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ފުލުހުން މުހައްމަދު އިސްމާއީލާއި ފެނަކަ ނިމާލު ހާޒިރު ވާން ޗިޓު ފޮނުވާފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލައި އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދު ތަކަށް އެއްވެ އެކަމަށް އާންމުންނަށް ހިތްވަރު ދީފައިވާތީއެވެ. މީގެއިތުރުން މަގުހިނގާ މީހުންނާއި ދުއްވާ މީހުންނާއި އެއްތަނުން އަނެއްތަނަށް މީހުން ދިއުމަށް ހުރަސް އެޅުމާއި އެނގިހުރެ ގާނޫނީ ބާރު ހިންގުމަށާއި ދައުލަތް ހިންގުމަށް ހުރަސްއަޅާފައިވާތީ އެކަންކަމަށް ޖަވާބު ދާރީވުމަށް އަންގާރަ ދުވަހުގެ 3:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ނިމާލާއި މުޙައްމަދު އިސްމާއީލަށް ވަނީ އަންގާފައެވެ.

ގާނޫނު އަސާސީގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު ކޮންމެ ތަނަކަށްވެސް އެއްވެ އުޅެވޭނެ ކަމަށެވެ. އަދި އެއީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް ރައީސް އަބްދﷲ ޔާމިންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހަކުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. މިއިސްލާހާއި އެއްގޮތަށް ހޯމް މިނިސްޓްރީން މިމަހު ނެރުނު އިޢުލާން ގައި ވެސް ބުނެފައި ވަނީ ހުއްދަ ނުހޯދައި މާލޭގެ މަގުތަކަށް އެއްވެ ނޫޅެވޭނެ ކަމަށެވެ. ހޯމް މިނިސްޓްރީގެ މި އިޢުލާނުން ޔަގީންވަނީ މިސަރުކާރުން މިހާތަނަށްވެސް މިދަނީ އެއިސްލާހަށް އަމަލު ކުރަމުން ކަމެވެ.

ނިމިދިޔަ ވެރިކަމުގައި، ހޯމް މިނިސްޓްރީގެ ހުއްދަ ނުހޯދާ މާލޭގެ މަގުތަކަށް އެއްވެ ނޫޅެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު އަލުން އުވާލުމަށް މި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެއިސްލާހު ފާސްނުކޮށް އެއްވެއުޅުމުގެ ގާނޫނަށް ނިމިދިޔަ ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ގެނަސްފައިވާ އިސްލާހު އުވާނުލާ ގާނޫނު އަސާސީން ދީފައިވާ ހައްގެއް އުނިކޮށްފައި އޮތް ގާނޫނު ދަމަހައްޓަމުން ދާތީ ބައެއް ފަރާތްތަކުން ވަނީ ސަރުކާރާއި މަޖިލީހަށް ވެސް ފާޑުކިޔާފައެވެ.

ކޯވިޑް-19ގެ ފުރަބަންދަށް ލުއިތަކެއް ދިން ފަހުން މާލޭގެ މަގުތަކުގައި އެކި ފަރާތްތަކުން މުޒާހަރާކޮށް އަޑު އުފުލާފައި ވެއެވެ. ފުލުހުން ނުކުމެ ބާރުގެ ބޭނުން ކޮށްގެން މުޒާހަރާތައް ހުއްޓުވާން މަސައްކަތް ކޮށްފައި ވީނަމަވެސް މިހާތަނަށް ފުލުހުން އެފަދަ މައްސަލައެއްގައި މުޒާހަރާގެ ބައިވެރިން ފުުހުންގެ އިދާރާއަށް ހާޒިރުކޮށް މައްސަލަ ތަހުގީގުކޮށްފައެއް ނުވެއެވެ. މިއީ މުޒާހަރާ ކުރުމާއި އަޑުއުފުުމާއި އިހުތިޖާޖު ކުރުމަށް ހިތްވަރު ދީ އެކަމަށް ވަކާލާތު ކުރާ އެމްޑީޕީ އިސްކޮށް އޮވެގެން އުފެއްދި ސަރުކާރަކުން މަގުމަތީގައި މުޒާހަރާ ކޮށްގެން މުޒާހަރާގެ ބައިވެރިން ފުލުހަށް ހާޒިރުކޮށް ތަހުގީގުކުރާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން