އެކި ހަނގުރާމަތަކަށް ގޮސް އުޅޭ 90 ދިވެހީން އެނބުރި ރާއްޖެ އަންނަން ބޭނުންވާކަން ހޯމް މިނިސްޓްރީން ހާމަކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާގައި ހާލުގައި ޖެހުނު ފަސް އާއިލާއެއް މިއަދު ފަތިހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފަސް އަންހެނުންނާއި ފިރިހެނަކާއި 15 ކުޑަކުދިން ހިމެނެ އެވެ.

ފަސް އާއިލާ މިއަދު ރާއްޖެ ގެނެވުނު އިރު ދިވެހީން ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން އެކި ހަނގުރާމަތަކަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ލިބިފައިވާ މައުލޫމާތުތަކަށް ބަލައި ދިވެހީންނަށް ލިބިފައިވާ ދަރިން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމަތަކަށް ގޮސް އުޅޭ 90 މީހުން އަނބުރާ ރާއްޖެ އަންނަން ބޭނުންވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް އައިޑެންޓިޓީ ކަށަވަރު ކުރެވިފައި ވަނީ [މިއަދު ގެނައި] 21 މީހުން. އެހެން މީހުން އަޅުގަނޑުމެން މި ދަނީ ތިބި ތަނާއި ކޮންޓެކްޓް އެސްޓެބްލިޝް ކުރުމުގެ މަސައްކަތް ކުރަމުން. މި 90 ފަރާތަކީ ވެސް ވަރަށް ވޭގް ކޮމިއުނިކޭޝަނެއް.

ކޮންމެވެސް ބޭފުޅަކު އަޅުގަނޑުމެންގެ ވުޒާރާއަށް އަންނަނީ، ޕޮލިހަށް ރިޕޯޓެއް އަންނަނީ ނުވަތަ ބައިނަލްއަގުވާމީ ކޮންމެވެސް އިދާރާއަކުން އަންނަ މައުލޫމާތަކުން އަޅުގަނޑުމެންނަށް އެނގެނީ މިވެނި ސަރަހައްދެއްގައި ކަމަށް ބެލެވެނީ. އެވެސް އެހާ އެކިއުރޭޓްކޮށެއް ނޫން އަންނަނީ." އިހުސާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން