ސީރިއާއަށް ދިޔަ ދިވެހިންނަށް ޤާނޫނީ އަދަބު ދެވޭނީ އެސެސްމެންޓަކަށްފަހުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހޯމް ލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓްރީން ބުނީ ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސްފައިވާ މީހުންގެ ތެެރެއިން އާއިލާގެ ނުފޫޒާއި ގުޅިގެން އެތަނަށް ދާ މީހުން ވެސް އުޅޭ ކަމަށެވެ. އަދި ބައެއް މީހުންނަށް އެހިސާބުތަކަށް ދެވިފައިވަނީވެސް ނޭނގުމެއްގެ ތެރެއިން އަދި އޮޅުވާލައިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދެންނެވި އެސެސްމަންޓްތައް ހަދާފައި އެކަންކަން ބަލާނަން. އެފަދަ ކަންކަމުގައި ބައިވެރިވެފައި ހުރިތޯ އެއީ އަޅުގަނޑުމެން ބަލާ ކަންކަން. އެކަންކަމާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވަގުތުން އަޅާނަން. މިހާތަނަށް ލިބުނު މަޢުލޫމާތުގެ އަލީގައި މިއިން އެއްވެސް ބޭފުޅެއް އެތަނަށް މިދެވުނީކީ ސީދާ އެތަނަށް ދާން ގަސްދަކު ނޫން. މިހާތަނަށް ގެނެވުނު އަންހެނުންނާއި ކުޑަކުދިން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ވިކްޓިމްސްގެ ގޮތުގައި. އެތަނަށް ދެވުނު ހިސާބުން ނުވަތަ މި އާދެވުނީ އެހިސާބަށްކަން އިހުސާސްވީ ހިސާބުން ފެށިގެން ރާއްޖެ އެނބުރި އަންނަން ބޭނުންވެފައި ތިބި ބޭފުޅުން މީގެ ތެރޭގައި ތިބީ. ސީދާ ކިހިނެއް، ކޮން ގޮތަކުން އަދި ކޮން އާއިލާއަކުންކަން މި ހިސާބަށް އައިސް ޙާލުގައި ޖެހުނީ، އެއީ އަޅުގަނޑުމެން މި ޕްރޮސެސް ތެރޭގައި ބަލާނެ ކަންކަން." އިހްސާން ވިދާޅުވިއެވެ.

އެފަދަ މީހުންނަށް ލިބިފައިވާ ދަރިންގެ މަޢުލޫމާތުތައް މީސް މީޑިއާގައި ހާމަނުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖެއަށް އަންނަން ބޭނުންވާ ޙާލުގައި ޖެހިފައި ތިބި 90 ދިވެހިންގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސީރިޔާއަށް ދަތުރުކުރުމަށްފަހު ދަރިން ލިބުނު ދިވެހި އަންހެނުންނާއި އެކުދިންނާއި އޮންނަ ގުޅުން ކަށަވަރު ކުރަން ޑީއެންއޭ ޓެސްޓު ހަދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ ޕްރައިވެސީ ރައްކާތެރިކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެއް ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރީއިންޓަގްރޭޝަނަށްފަހު މުޖުތަމައުއަށް ދޫކުރި އާއިލާއެއް މިހާރުވެސް ރާއްޖޭގައި އުޅެމުންދާއިރު ހަރުކަށި ފިކުރުގެ އެއްވެސް ކަމެއް އެއާއިލާގެ ފަރާތުން ފެނިފައިނުވާ ކަމަށެވެ. މިނިސްޓަރ އިހުސާން ވަނީ ހަނގުރާމަވެރި ސަރަހައްދުތަކުން ރާއްޖެ އެނބުރި އަންނަ ފަރާތްތައް 5 އަހަރު ވަންދެން ސަރުކާރުން މޮނީޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހެންކަމުން، އެފަދަ ފަރާތްތަކުގެ ފުށުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި ހިއުމަން ޓްރެފިކިންގގެ ކުށުގައި ރާއްޖެއިން ޑީޕޯޓްކުރާ ފަރާތްތަކަށް އަނބުރާ ރާްއްޖެއަށް އެތެރެނުވެވޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވާފައެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ ކަންތައް ތަކުރާރުވިޔަނުދިނުމަށް މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން