ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ، އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާއާއި، ސަރަހައްދާއި، ޚާއްޞަ އިގުތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެގޮތުން ސިފައިންގެ ގާނޫނުގައި، ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދައުލަތް ދިފާއުކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާ ވެސް ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނީ ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އެ ނޫން ވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި ކަނޑާއި އެއްގައުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ދިވެހި ސިފައިންނާ ކަމަށެވެ. އަދި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާއިރު ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރަރިޒަމް ފަދަ ކުށްތައް ހުއްޓުވުމަކީ ވެސް ސިފައިންގެ ޒިންމާއެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓުތަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގައި އިސްވެ ހަރަކާތްތެރިވާން ޖެހޭ ފަރާތަކީ ގައުމީ ދިފާއު ބާރުކަން އެ ބަޔާނުގައިވެއެވެ. ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނިގޮތުގައި ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ.

އެހެންކަމުން ސިފައިންނަށް ޒަމާނީ ވަސީލަތްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީ އިން މިފަދަ ބަޔާނެއް ނެރުނުއިރު ބޭރުގެ ވަކި ގައުމަކުން ރާއްޖޭގެ ދިފާއީ ބާރަށް އަސްކަރީ އާލާތްތަކެއް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިސަރުކާރުގެ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވެ އަމިއްލައަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ރާއްޖޭގެ ދިފާޢީ ބާރަށް ހޯދައިދީ މިނިވަންކަމާއެކު ރާއްޖޭގެ ދިފާއީ ބާރުން އެކަން ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން