ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަމުން އަންނަނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން ކަމަށެވެ.

އެގޮތުން މި ދެ ކުންފުނިން މިނިސްޓްރީގެ ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިޔުމަށްޓަކާ، އިއުލާންކޮށް ފައިސާ ނަގަމުންދާކަން ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާގެ ހިދުމަތް ދިނުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން