މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީ އަށް ބޮޑު ގޮންޖެހުމެއް ނެތް ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބުކުރަން ގޮންޖެހުން ތަކަށް ވުރެ ބޮޑަށް އެޕާޓީއަށް އޮތީ ފުރުސަތުތަކެއް ހުޅުވިފައި ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރަކީ ކޮންކަހަލަ ސަރުކާރެއް ކަން ދިވެހި ރައްޔިތުންނަށް މިއަދު ސާފުވެފައިވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރިނަމަވެސް ދިވެހިން ބޭނުންވާ ވަކި އަސާސްތައް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހިފެހެއްޓި ކަމަށާއި އެ އަސާސްތައް މި ސަރުކާރުގައި ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދިވެހިން ބޭނުންވާ އަސާސްތައް އެމްޑީޕީ ހިފެހެއްޓި، މިއަދު އެކަމެއް ނެތް، އެހެންވީމާ އޭގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ލިބޭނެ، ދެން ގޮންޖެހުންތަކުގެ ތެރޭގައި އަދިވެސް އެބަހުރި އަޅުގަނޑުމެންނާއި ގުޅޭ ފިކުރުގެ ބަޔެއް ވަކިވެގެންދިޔުން. އެއީ ގޮންޖެހުމެއް، އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑުމެންނާއި އެބޭފުޅުންނާއި އެއްކޮށް އަދިވެސް ހަމަ ކުރިއަށް އޮތްތާގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށް، އަދި އަޅުގަނޑުމެންނަށް މިހާރު އެބަފެނޭ ސަރުކާރުގެ ޕާޓީ އަށް ނިސްބަތްވާ ޕާޓީގެ ބޭފުޅުން ވެސް މި ސަރުކާރާއި މެދު ކަންބޮޑުވުން ފާޅުކޮށް ޝުއޫރު ފާޅުކުރަމުންދާތަން،" ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށާއި އެމްޑީޕީގެ ސަރުކާރުން އެއްވެސް ވަރަކަށް ވަޒީފާގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ. އެގޮތުން އޭރުގެ ސަރުކާރާއި ރައީސަށް އެއްޗެހި ކިޔައިގެން ކަންބޮޑުނުވާ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ހުޅުވާލާފައިވާ ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހާރު މި އޮތް ސަރުކާރު ދެ މަސް ނުވަނީސް އަޅުގަނޑުމެންނަށް މިފެނިގެންދަނީ ހަމަ މީހުން ކަނޑައި މީހުންތައް ވަޒީފާއިން ވަކިކޮށް ބިރު ދައްކައި އަޅުގަނޑުމެންނާއި އެއްކޮށް ކެމްޕޭން ތަކުގައި އުޅުއްވާ ވަރަށް ގިނަ ބޭފުޅުން ބިރުން ތިމަންނަ މެންނަށް ނުކެރޭނެއޭ ބުނެފައި އެބަހުރި، އެހެންވީމަ އެ ގޮންޖެހުން އޮންނާނެ ކޮންމެވެސް ވަރަކަށް. އެއީ މީހުންގެ ދިރިއުޅުމަށާއި ހުރިހާ ކަމަކަށް އަސަރު ކުރާނެތީ މީހުންގެ ފަހަށް ޖެހުން ހުންނާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން މުޢިއްޒު ސްޕީޑްގައި ކަންކަން ކުރަނީ ގޯސްކޮށް ކަމަށެވެ. އެގޮތުން ދެ މަސްނުވަނީސް އަވައްޓެރި ގައުމަކާއި ޖެހިގަނެފައިވާ ކަމަށާއި ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންވާ ފަދަ ކަންތައްތައް ސަރުކާރުން ކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން