ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އޮޑިޓް ކުރުމުގެ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި އިސްކަންދެނީ މައިގަނޑު ދެކަމަކަށް ކަމަށާއި އެއީ ރަށް ރަށުގެ އިންޓާރނަލް އޮޑިޓިން ހަރުދަނާ ކުރުމާއި އަދި އޮޑިޓު ކުރުމަށް ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް އެބޭފުޅުންނަށް ބޭނުންވާ ތަމްރީނުތައް ދިނުން ކަމަށެވެ.

އެހެންކަމުން އެ މަގުސަދު ހާސިލު ކުރުމަށްޓަކައި އޮޑިޓް އޮފީހާއި ގުޅިގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދުއިސައްތައަށްވުރެ ގިނަ ކައުންސިލް އޮންނައިރު، އެ ކައުންސިލްތައް އޮޑިޓް ކުރުމަކީ އޮޑިޓް އޮފީހުން އެކަނި އެކަން ކުރަންވެއްޖެނަމަ ދަތިތަކާއި ކުރިމަތިވާނެ ކަމެއްކަމަށެވެ. އެހެންކަމުން އަތޮޅު ލެވެލްގައި ވެސް އެފަދަ އޮޑިޓްތައް ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އަތޮޅުތަކުގައި ތިބި އެފަދަ އޮޑިޓަރުންނަށް ތަމްރީންތައް ދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި އޮޑިޓު އޮފީހާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން