ފޮޓޯ: ޓްރިޕް އެޑްވައިޒަރ
ފޮޓޯ: ޓްރިޕް އެޑްވައިޒަރ
މިއަހަރުގެ ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަކީ މި ސަރުކާރުގެ ހަފްތާ 14ގައި ހިމެނޭ މުހިންމު އަމާޒެއް ކަމަށެވެ. ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުފެއްދެވި ވުޒާރާއެކެވެ.

ސަރުކާރުން އެކުލަވާލި ހަފްތާ 14ގެ މަގުޗާޓްގެ ދަށުން މި އަހަރުގެ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގުތައް އުޅޭ ރޭޓް ކޮންޓްރޯލް ކުރާނެ ކަމަށް ޙުސައިން އިސްމާޢީލް ވިދާޅުވިއެވެ. އެކަން ކުރުމުގައި ޢާންމުކޮށް ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާކެޓަށް އުފެއްދުންތައް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާވަރު ދެނެގަންނާނެ ކަމަށާއި އަދި ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ދިރާސާކޮށް ބޭރުން ގެންނަންވީ މިންވަރު ދެނެގަންނަން ފަސޭހަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދަމަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް އަގެއްގައި ބެހެއްޓި ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ތަކެތި ލިބޭނެކަން. އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ. ސަބަބަކީ އަޅުގަނޑުމެން ދުރާލާ މިކަމަށް ތައްޔާރުވާތީ." ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާ ތާޒާކަން މަތީގައި ބާޒާރަށް ގެނައުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ދައުލަތުގެ ކުންފުނި އެގްރޯނެޓާއި މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން