ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީއާއެކު އެމްއެންޕީ އަދި އެމްޑީއޭ ވެސް ކޯލިޝަން ހަދަން އޮތީ އެއްބަސްވެފައި ކަމަށް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީން އެމްޑީއޭ އަދި އެމްއެންޕީއާއެކު ވާދަކުރުމުގެ ފުރުސަަތު ދިނުމާ ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ޕީއެންސީ ކޯލިޝަންގެ އިސް މެމްބަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުއްﷲ ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ އެ ވާހަކަތަަކަށް ރައްދު ދެއްވައި ޝަރީފް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަނގަ ބަހުން އަދި އެގްރިމަންޓް ވެސް ހެދި ކަމަށެވެ. ޝަރީފު ވަނި އެ އެއްބަސްވުމުގެ ކޮޕީއެއް ވެސް ހިއްސާ ކުރައްވާފަ އެވެ.

މަޖިލިސް އިންތިހާބުގައި ޝަރީފް ވާދަ ކުރައްވަނީ ހުޅުދޫ ދާއިރާ އަށެވެ.

"ހުޅުދޫ ދާއިރާގެ ޕްރައިމަރީގައި އަޅުގަނޑު ވަނީ ބައިވެރިވެފައި. ]އެގްރިމަންޓް] ގެ އުސޫލުގައި އޮތް ތިން ޕާޓީ އެކުލެވޭ ކޮމިޓީ އަދިވެސް އެކުލަވާ ނުލެވޭ. ވޯޓާސް ލިސްޓު ނުލިބޭ." ޝަރީފް ވިދާޅުވެފައި ވެއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޕްރައިމަރީއާއި ނުލައި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރަށް ޕީއެންސީން ޓިކެޓް ދޭން އުޅޭ ކަމުގެ އަޑުތައް މިހާރު ފެތުރިފައިވާ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަށެވެ. އެ ދާއިރާއަށް ޝާހިދު ފާޅުގައި މިހާރު ދަނީ ކެމްޕޭން ވެސް ކުރައްވަމުން ނެވެ.

ޝަރީފް ވިދާޅުވީ ޕީއެންސީން އެއްބަސްވެފައިވާ ގޮތަށް އަމަލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން