ތައިލެންޑާއި ޔޫއޭއީއިން ވެސް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ، އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއަށާއި ސްރީލަންކާއަށް ކަމުގައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އެ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އިދާރާތަކާއިއެކު ކުރެވެމުންދާ ކަމަށެވެ.

އަދި އާސަންދަ ސްކީމްގެ ދަށުން މިހާރު ހިލޭ ބޭސް ފަރުވާގެ ހިދުމަތް ލިބޭ ގައުމުތަކުގެ އަދަދު އިތުރު ކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އާސަންދަ ކުންފުނިން ދެކޮޅުކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް އެ ކުންފުނީގެ ބަޔާނުގައި ވަނީ ރައްދުދީފައެވެ.

އާސަންދައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާއާއި ސްރީލަންކާ ނޫން އެހެން ގައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން "ދެކޮޅު" ކަމުގައި ހަބަރުފަތުރާ ބައެއް ވަސީލަތްތަކުގައި ލިޔެފައިވާ ކަމަށާއި އެގޮތަށް ލިޔެފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅޭ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، މި ހިދުމަތް އިތުރު ގައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭގޮތަށް ކަމަށް ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އޭރު ސަރުކާރުން މި ހިދުމަތް ފުޅާކުރުމަށް ނިންމާ އިއުލާންކޮށްފައި ނުވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިއުލާން ކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް އެއީ އެ ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާންމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށާއި އެފަދަ ހަބަރުތައް ގެނެސްދޭއިރު ކުންފުނީގެ ބަހެއް ހޯދުމަށާއި ކަމުގެ ހަގީގަތް ސާފުވާނެހެން ހަބަރު ފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ރައްޔިތުންގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ޚިދުމަށް ޔޫއޭއީއާއި ތައިކެންޑް ފަދަ ގައުމުތަކަށް ފުޅާ ކުރެއްވުމަށް ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ ހުސްވި ހަފުތާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން